ޚަބަރު

މަޖިލީހުން ބޭރުކޮށްލި، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ އިސްލާހު އަލުން މަޖިލީހަށް

އިބްރާހިމް ޒަކީ

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުން ކަމަށްވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން، އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، މީގެ ކުރިންވެސް ހަމަ އެ އިސްލާހު ހުށަހެޅުއްވި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

ގާނޫނުގެ 13 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ވެސް ފޮނުވިއެވެ. ނަމަވެސް އެ ކޮމިޓީން ބިލު އިސްލާހުކޮށް، މަޖިލީހަށް ފޮނުވުމުން ބިލު ފާސްކުރުމަށް، މިދިޔަ ނޮވެމްބަރުމަހުގެ 22 ގައި މަޖިލިސް ތަޅުމުގައި ނެގި ވޯޓުގައި އެބިލް ފާހެއް ނުކުރިއެވެ.

މިފަހަރު ވެސް މެންބަރު ނަޝީދު އިސްލާހު ހުށަހަޅާފައި ވަނީ، ހަމަ އެ މާއްދާއަށެވެ.

އެ އިސްލާހުގައި ވަނީ، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި، ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުނޫން ކަމަށެވެ.

މި ބިލު ހުށަހެޅި ސަބަބުތަކުގެ ގޮތުގައި ނަޝީދު ވިދާޅުވެފައި ވަނީ، ގާނޫނުގެދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރާއިރު، ދެފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓްރީ ކުރާގޮތަށް އޮންނާތީ، އެކަމުގެ ސަބަބުން، އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖުފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުންގެންދާތީ ކަމަށެވެ. އަދި ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދު، ގަރާޖުގައި ރަޖިސްޓްރީކުރުމުގެ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުންގެންދާތީ، އާއި އެކަން ރަނގަޅަށް މޮނީޓާ ނުކުރެވޭތީ، އެކަމަށް ހުއްޓުމެއް ގެނައުމަށް ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި އެކަންކަމުގެ ސަބަބުން ވެހިކަލް ރެޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކަށް ބޮޑު ތަކުލީފަކަށްވެ، އެކަމުން ސަރުކާރުން ހާސިލުކުރަން ބޭނުންވާ މަގުސަދު ހާސިލުނުވެ، އެތަކެއް ދިވެހި ރައްޔިތުން ކަންބޮޑުވާތީ ކަމަށްވެސް ވިދާޅުވެފައިވެއެވެ.