ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކަކީ، ސިޔާސީ ޑްރާމާއަކަށްވުރެވެސް ބޮޑު ޑްރާމާއެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފައެވެ. އެއްބަޔަކު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާއިރު އަނެއް ބަޔަކު ތާއީދުކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އެމްޑީޕީގެ ކޮންގްރެސްގެ ކުރިން އެ ފެކްޝަންގެ ތަޅާފޮޅުން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ނަމަވެސް ކޮންގްރެސްއަށް ފަހު، އެކަމެއް މާބޮޑަކަށް ނުފެނެއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ގާސިމް މިއަދު ވިދާޅުވީ، އެމްޑީޕީ ރޫޅިގެން ނުދާނެ ކަމަށާއި އެއީ އެމްޑީޕީގެ އެއްވެސް ލީޑަރަކަށް ބަރުދާސްތުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޯޅުމަކީ ޑްރާމާއެއް ކަމަށްވިދާޅުވިއެވެ.
"އިޓްސް ޖަސްޓް އަ ޝޯވ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއިން އެއްވެސް ބޭފުޅަކަށް އެފޯޑެއް ނުކުރެވޭނެ ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަ ބޭފުޅަކާ ދެކޮޅަށް މަސައްކަތް ކުރައްވާކަށެއް. ދޭ ޑޯންޓް ހޭވް ދަ އެބިލިޓީ. އެއްވެސް ކަހަލަގެ ހަކަތައެއްވެސް ނުކުންނާނެ. އެއީ ހަމަ ކަނޑައެޅިގެން ޒީރޯ. މީހުންނަށް ދައްކާ ދަޅައެއް އެއީ، އެއްގޮތަކަށްވެސް އެއީ ހަގީގަތެއް ނޫން. އެއީ ސިޔާސީ ޑްރާމާއަކަށްވުރެވެސް ބޮޑު ޑްރާމާއެއް" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކު ދެއްކުމުން ޕާޓީގެ ތެރޭގައި ވާދަވެރިކަމެއް ނޯންނާނެ ކަމަށާއި އެހާ ހިސާބުން ދެން ޖެހޭނީ ދެން ހުރި ބޭފުޅަކުވެސް ޓިކެޓު ލިބުނު ކެނޑިޑޭޓްގެ ފަރަތަށް އަރަން ކަމަށެވެ. އެހެން ނޫން ނަމަ އެމްޑީޕީއަށްވާ ދެރަ މާ ބޮޑުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ގިނަ ބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި އެމްޑީޕީގެ ޓިކެޓު ލިބޭނީ ރައީސް ސޯލިހަށެވެ. އެއީ ވެރިކަމުގައި އެމަނިކުފާނު ހުންނެވުމާވެސް އެކީގައެވެ.
ރައީސް ސޯލިހުގެ އިތުރުން ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.