ގަރާޖު ސިޓީ ނެތިގެން ރަޖިސްޓްރީ ނުކޮށްދިން ނަމަވެސް، އެތެރެކުރާ ވެހިކަލްތަކުން ޑިއުޓީގެ ގޮތުގައި ދައުލަތަށް 200 ޕަސެންޓްގެ އާމްދަނީއެއް ނެގުމަކީ އާއްމު މީހާގެ އަތުން ސަރުކާރުން ޓަކައިގަތުން ނުވަތަ ފޭރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، ރާއްޖެ އެތެރެކުރާ ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ގަރާޖެއް ބޭނުންނުވާ ގޮތް ހަދަން އެއްގަމު އުޅަނދުފަހަރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ ހުށަހެޅުއްވި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، ބޮޑުހަރަދެއް ކޮށްގެން މީހުން އެތެރެކުރި ވެހިކަލްތަކުން ސަރުކާރަށް ޑިއުޓީ ނެގި ނަމަވެސް، ގަރާޖު ނެތިގެން އެތަކެތި ރަޖިސްޓްރީ ނުކޮށްދިނުމުގެ ސަބަބުން ބޭނުން ނުކުރެވި އެބަހުރި ކަމަށެވެ. އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވެހިކަލް އެތެރެކުރުމުގައި އެތަނަކަށް ބޭނުންވާ ޖުމްލަ އަދަދެއް ކަނޑައަޅަންޖެހޭ ކަމަށެވެ. އަދި ރެޖިސްޓްރީ ނުކުރެވޭ ވެހިކަލް ހުއްޓުވަން ޖެހޭނީ ރާއްޖެ އެތެރެކޮށް ޑިއުޓީ ދައްކާ ހިސާބުން ނޫން ކަމަށާއި އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދަ ދެވެންޖެހޭނީ ވެސް އެ ރަޖިސްޓްރީ ކުރެވޭގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
"އިންޕޯޓު ލައިސަންސް ދެވޭ ހިސާބުން ފެށިގެން އެބަޖެހޭ ވިސްނާލަން. އޭގެ ފަހުން 100 ޕަސެންޓް 200 ޕަސެންޓް ޑިއުޓީ ނަގައިފަ ސަރުކާރަށް އާމްދަނީއެއް ހޯދައިފަ، ރަޖިސްޓްރީކުރަން ދިޔައީމަ މި ބުނަނީ ކޮބައިހޭ އެންވެޔަރަމަންޓް އެސެސްމެންޓް އިމްޕެކް ރިޕޯޓެއް. އޭގެ މާނައަކީ ދުންދޫކުރާ ވަރާއި އަނެކެއްޗަކާއި، އަނެކައްޗެއް. އެ ސެޓްފިކެޓްތައްވެސް ހިފައިގެން ދިޔައީމަ ބުނަނީ ކޮބައިހޭ ގަރާޖު. ގަރާޖެއް ނެތިއްޔާ ރަޖިސްޓްރީއެއް ނުކުރެވޭނެއޭ ކަލެއަކަށް. އެއެއް ނުދުއްވޭނެއޭ. އެހެންކަމަށްވަންޏާ ސަރުކާރުން އެ ޓަކައިގަންނަނީ، އެއީ ޓެކުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ގަރާޖު ސިޓީގެ މައްސަލައިގައި ސަރުކާރު ބަދުނާމުވާ އިރު، އެކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ވެސް ނޯންނަ ކަމަށެވެ. އެއީ ބައެއްގެ ޖީބަށް ވަންނަ އެއްޗެއް ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެސް ގަރާޖެއްގެ ސިޓީއެއް މީހަކު ގެނައީމަ، ރަޖިސްޓްރީ ކުރެވެނީ. ދެން އެބަކިޔާ މޭޒު ދަށުންނޭ، މޭޒު މަތިންނޭ، އަރިމަތިންނޭ އެހެން ކިޔައިގެން ފާޑު ފާޑުގެ ވާހަކަ ދައްކައި ސަރުކާރަށް އޭގެ ބަދުނާމު އެބަ ލިބޭ، ދައުލަތަށް ލިބޭ އެއްޗެއް ނެތް. ކޮންމެސް މީހެއްގެ ޖީބަށް އެއްޗެހިތަކެއް ވަންނަނީ، ނުސީދާގޮތުންނޭ އަޅުގަނޑު ދަންނަވާނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގަރާޖު ސިޓީ މައްސަލައިގައި ހުރި ކަންބިޑުވުންތައް އެނގޭނީ އެކަމާބެހޭ އޮޑިޓެއް ހަދައިގެން ކަމަށެވެ. އެކަން މިހާރު އޮތްގޮތަށް އޮތުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން ކަމަަށްވެސް ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު