ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯތައް ލަމުންދަނިކޮށް ހައްޔަރުކުރި، ގ. ކަމަރާގެ/ މުހައްމަދު ނަބީލު (ޔާޔާ ނަބީލު) 37އ، އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯ އާއި ފޮޓޯ އާންމުކުރި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 37 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިފަދަ މައްސަލައެއްގައި މީގެ ކުރިންވެސް ޔާޔާ ނަބީލް ހައްޔަރުކުރިއެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ނުފެންނަ ކަމަށް ނިންމައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފައެވެ.

ޔާޔާ ނަބީލް ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، އޭނާ ދޫކޮށްލީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުއެވެ.

ޔާޔާ ނަބީލް މީގެ ކުރިން ޓިކްޓޮކުގައި ބަރަހަނާވި މައްސަލައާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރިއެވެ. އޭރު އޭނާ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބަންދުގައި ބެހެއްޓީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތައިލަފާނެ ކަމަށް ބެލެވޭތީއެވެ.

ނަމަވެސް އޭގެ ފަހުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ކޯޓުން އޭނާ ދޫކޮށްލީ ދެ މަސް ދުވަސް ވަންދެން ސޯޝަލް މީޑިއާގައި ޕޯސްޓް ނުކުރުމަށް ޝަރުތުކޮށްފައެވެ.

އެހެން ނަމަވެސް ޓިކްޓޮކުގައްޔާއި ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުގައި އޭނާ ދަނީ ބަރަހަނާވެގެންނާއި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފު އަންހެން ހެދުން އަޅައިގެން ފޮޓޯ އާއި ވީޑިއޯތައް އާންމުކުރަމުންނެވެ.