ފިލްމީ ތަރި މަރިޔަމް އައްޒަ ހުށަހަޅައިދޭ ޓޯކް ޝޯ ސީރީޒް ''އަޒޯނާ ސީޒަން 4'' ދިރާގު ޓީވީން ޕްރީމިއާ ކުރުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ، ''އަޒޯނާ ސީޒަން 4'" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އެ ޝޯގެ ޕްރޮޑިއުސަރު އަދި އައްޒަގެ ފިރިމީހާ ފިލްމީތަރި އަބްދުﷲ މުއާޒް (މުއާ) ބުނީ، ކުރީގެ ސީޒަންތަކާ އަޅައި ބަލާއިރު، މި ފަހަރުގެ ސީޒަން ތަފާތުވާނެ ކަމަށެވެ.
ދިރާގުގެ ދިރާގު ޓީވީ ޕްރޮޑަކްޓް މެނޭޖަރު ހައްސާން ހުސްނީ ވިދާޅުވީ ކާމިޔާބު ތިންވަނަ ސީޒަނަކަށް ފަހު އަޒޯނާ ޝޯގެ އާ ސީޒަން ދިރާގު ޓީވީ އާއި ދިރާގު ޕްލޭ ވީއޯޑީ މެދުވެރިކޮށް ކަސްޓަމަރުންނަށް ގެނެސްދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުން ބަލައި ގަންނަ އިތުރު ޕްރޮގްރާމްތައް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުން،" ހައްސާން ހުސްނީ ވިދާޅުވިއެވެ.
ދިރާގުޓީވީ އަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޕްރިމިއަމް އިންޓަނޭޝަނަލް އަދި ލޯކަލް ކޮންޓެންޓް ހިމެނޭ ވީއޯޑީ ފީޗާ ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ވީއޯޑީއަކީ ކަސްޓަމަރުން މީޑިއާ ބޭނުންކުރާ ގޮތާއި ބަލާ ގޮތް މުޅިން ބަދަލުކޮށްލާފައިވާ އީޖާދީ ފީޗާއެކެވެ. އެ ފީޗާ މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް ފަސޭހަކަމާ އެކު ދިރާގު ޓީވީ ކަސްޓަމަރުންނަށް މުނިފޫހިފިލުވުމުގެ ގިނަ އޮޕްޝަންތަކެއް ލިބެން ހުންނާނެއެވެ.
ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. އެގޮތުން ދިރާގު ޓީވީ ތައާރަފު ކުރިތާ ދެ އަހަރު ދުވަސް ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، މިހާރު ރާއްޖޭގެ އާބާދީގެ 85 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން، ދިރާގުޓީވީ އަކީ ވީޑިއޯ އޮން ޑިމާންޑްގެ ފީޗާ ހިމެނޭ ހަމައެކަނި ހިދުމަތެވެ. ދިރާގު ޓީވީގެ ވީޑިއޯ އޮން ޑިމާންޑުން މައުލޫމާތާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ބޭނުން ގަޑިއެއްގައި އަދި ބޭނުން ތަނެއްގައި ބަލައިލެވޭނެއެވެ.