ޚަބަރު

ރައީސް ރާއްޖޭގެ ކަނޑުގެ ދިރާސާކުރާ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

މުހައްމަދު އިޝާން

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި ކަނޑުގެ އެންމެ ފުނަށް ދާ އެންމެ ފުރަތަމަ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" އާއި ރާއްޖެ ގުޅިގެން ކުރިއަށް ގެންދާ އެ ދިރާސާގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.

ލ. ގަމުގައި އިއްޔެ ފެށި ވިއަވަތި ކޮންފަރެންސް 2022 ނިންމާލުމަށްފަހު މިއަދު ރައީސް ވަނީ އެ ސާވޭގެ މަސައްކަތް ކުރިއަށް ގެންދާ "އޮޑެސީ" މަނަވަރަށް ވަޑައިގެންފައެވެ. ރައީސްގެ އަރިހުގައި އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވެސް ވަޑައިގެންނެވިއެވެ.

ނެކްޓަންއިން މިއަދު ބުނީ، އޮޑެސީއަށް ވަޑައިގެން ރައީސް ބައްދަލުކުރެއްވި ހަތަރު އެކުއަނޯޓުން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭކޮށްފައި ކަމަށެވެ. އެ ޑައިވަރުން އެއްކުރި ކަނޑު އަޑީގެ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި ނެކްޓަން މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުން އެ ޑާޓާ މިހާރު އެނަލައިޒް ކުރަމުން އަންނަ ކަމަށް ވެސް ނެކްޓަންއިން ބުންޏެވެ.

ނެކްޓައިން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. ކަނޑުގެ އަޑި ދިރާސާ ކުރުމަށް ޑައިވްކުރަން ފޭބި ފުރަތަމަ ޓީމުގައި ހިމެނެނީ ތިން އަންހެނުންނެވެ. އެއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް ފަރާހް އަމްޖަދު އަދި ސަބްމާސިބަލްގެ ޕައިލެޓް ކިމްލީ ޑޯއެވެ. މިއީ ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރަން ފުން ކަނޑަށް ފޭބި ފުރަތަމަ ފަހަރެވެ.

ނެކްޓަންއިން އިއްޔެ ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ފެށި އެ ދިރާސާ 35 ދުވަސް ވަންދެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ދުނިޔޭގައި 1،000 މީޓަރަށްވުރެ އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައިވަނީ ހަމައެކަނި 300 ފަރުބަދައިންނެވެ. ރާއްޖޭގެ ކަނޑުތަކުގައި މިގޮތަށް ހުންނަ 34 ފަރުބަދަ ހުރެއެވެ. މި ފަރުބަދަތަކަކީ ރާއްޖޭގައި އުޅޭ ކަނޑުމަސް އާލާވާ މުހިންމު ތަންތަނެވެ.

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރު ފުނުން ފެންނާނެ ކަމަށް މި މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. މީގެ އިތުރުންވެސް ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާ ގޮތް ދިރާސާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އެ ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހަކާ އެކު 40 ބައިވެރިން ހިމެނެއެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެއެވެ.