އިނގިރޭސި ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވުމާއި ގުޅިގެން ޕްރިމިއާ ލީގުގެ މިދިޔަ ހަފުތާ މެޗުތައް ފަސްކުރުމަށްފަހު، އަލުން މެޗުތަކަށް ތައްޔާރު ވެއްޖެއެވެ.

މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު އިނގިރޭސި ރާނީ، އެލިޒެބަތު ދެވަނަ އަވަހާރަވި އިރު، އެކަމަނާގެ އުމުރުފުޅުން 96 އަހަރެވެ. ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. ރާނީ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ތަހުތުގެ ދަށުން ބާރު ހިނގާ ހުރިހާ ގައުމުތަކެއްގެ ކުޅިވަރު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވެއެވެ.

ޕްރިމިއާ ލީގު މެޗުތަކަށް އިނގިރޭސި ސަރުކާރުން ހުއްދަ ދިން ނަމަވެސް ޕްރިމިއާ ލީގާއި އީއެފްއެލްގެ ކްލަބުތައް ހާއްސަ ބައްދަލުވުމެއް ބާއްވައި، ނިންމާފައި ވަނީ ހާލަތަށް ބަލައި، މެޗުތައް ކުރިއަށް ނުގެންދިޔުމަށެވެ. އެއީ އިނގިރޭސި ރާނީއަށް ފުރިހަމައަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށްވެސް ކްލަބުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕްރިމިއާ ލީގުން ރޭ އިއުލާން ކޮށްފައިވާ ގޮތުން މިއަންނަ ހަފުތާގެ މެޗުތައް ކުޅެން މިހާރު ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ބައެއް ސަރަހައްދުތަކުގައި ރާނީގެ ޖަނާޒާ ކަންކަން ކުރިއަށްދާތީ، މެޗުތައް އިންތިޒާމް ކުރުމުގައި ދަތިތަކެއް ދިމާވެ، ތިން މެޗެއް ފަސްކުރަން ވަނީ ނިންމައިފައެވެ. އެ ތިން މެޗަކީ ޗެލްސީން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗާއި، ލީޑްސްއިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރެފޯޑުގައި ކުޅެން އޮތް މެޗު، އަދި ބްރައިޓަންއާއި ކްރިސްޓަލް ޕެލެސް، ބްރައިޓަން ދަނޑުގައި ކުޅެން އޮތް މެޗެވެ.

އޭގެ ތެރެއިން ބްރައިޓަން މެޗު ފަސްކުރަން ޖެހިފައި ވަނީ ރޭލުތަކުގައި މަސައްކަތް ކުރާ ފަރާތްތައް ހަޅުތާޅު ކުރަމުންދާތީއެވެ. އަނެއް ދެމެޗު ފަސްކުރީ ރާނީގެ ޖަނާޒާ ކަންތައް ކުރިއަށްދާތީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ސިފައިން ނުލިބޭތީ އާއި އެހެނިހެން އިންތިޒާމުތައް ކުރެވޭނެ ހާލަތެއް ނެތެމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި ލައިވް ކުރާ މީހުން ހޯދުމުގެ ދަތިތައްވެސް ވަނީ ދިމާވެފައެވެ.

މެޗުތައް ކުރިއަށް ގެންދިޔުމުގައި އިނގިރޭސި ސިޓީތަކުގެ ފުލުހުންނާނީ ޓީވީ ބްރޯޑްކާސްޓަރުން ދެމުން އަންނަ އެއްބާރުލުމަށް ޕްރިމިއާ ލީގުން ވަނީ ޝުކުރު އަދާކޮށްފައެވެ.