ދިވެހި ރައްޔިތުންގެ ފަރާތުން އެ މަނިކުފާނު އދ. އަށް ގެނެސްދެއްވީ އުންމީދީ ރިޔާސަތެއް ކަމަށް ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު، އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މިއަދު ޝާހިދުގެ ދައުރު ވަނީ ހަމަވެފައެވެ.
ޔޫއެންޖީއޭގެ ރައީސްގެ ހައިސިއްޔަތުން މިއަދު ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވިދާޅުވީ، ދުނިޔޭގެ ހުރިހާ ގައުމުތައް ބައިވެރިވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ހަރީޖީ ސިޔާސަތުގެ ނަތީޖާ ކަމަށެވެ. އަދި އދ. އާންމު މަޖިލީހުގެ ރިޔާސަތުން ފެންނަނީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން ދިވެހި ރައްޔިތުން ހޯދާފައިވާކަމުގެ ފުރިހަމަ ހެކި ކަމަށެވެ.
"މިވޭތުވެދިޔަ އެއް އަހަރު ބައިނަލްއަގުވާމީ މި ވަރުގަދަ ކިއްލާގެ އެންމެ އުސް ކުންނުގައި ވިހުރެމުން ދިޔައީ ފެއްސާއި ރަތާއި ހުދާ އެކީ ފެނުމުން ދިވެހިން ސަލާމް ކުރަމުން މިގެންދާ ފަހުރުވެރި ދިދަ. ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑު އދ. އަށް ގެނެސްދިނީ އުންމީދުގެ ރިޔާސަތެ،އް" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރައީސް މި ދައުރުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ކަމަށެވެ. އެމަނިކުފާނުގެ ރިޔާސަތުން އެންމެ ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ކޮވިޑް-19 ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަމަހަކަމާއެކު ގެންގޮސްދިނުމުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ވިދާޅުވީ ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުގެ ނުރައްކާއިން ސަލާމަތްވުމަށް ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.
ޝާހިދު ވަނީ އޭނާގެ ރިޔާސަތަށް "ޕްރެސިޑެންސީ ފޯ ހޯޕް" ގެ ނަމުން ނަންދެއްވައި ތަސައްވުރެއް އެކުލަވައިލައްވައިފައެވެ. އެ ތަސައްވުރުގައި ހިމެނެނީ ކޮވިޑުން އަރައިގަތުމާއި ދެމެހެއްޓެނިވި ގޮތުގައި އާރާސްތުކުރުމާއި ދުނިޔޭގެ ބޭނުންތަކަށް އިޖާބަދިނުމެވެ. އަދި އެންމެންގެ ހައްގުތަކަށް އިހުތިރާމްކުރުމާއި އދ. ރީފޯމް ކުރުމެވެ.
ވަދާއީ ތަގުރީރުގައި ޝާހިދު ވިދާޅުވީ، އެ މަނިކުފާނުގެ ރިޔާސަތުގައި މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގެ 103 ރަސްމީ ބައްދަލުވުމެއް ބާއްވައި 307 ގަރާރެއް ފާސްކޮށްފައިވާނެ ކަމަށެވެ. އަދި 28 ނުރަސްމީ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން މަތީ ފަންތީގެ 15 ބައްދަލުވުމެއް ބާއްވައި 140 ނިންމުމެއް ބަލައިގެންފައިވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ޓޫރިޒަމް އަލުން އިޔާދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި އެއީ އދ. ގެ އާންމު މަޖިލީހުގައި ޓޫރިޒަމާ ގުޅޭ މަޝްވަރާއެއް ކުރި ފުރަތަމަ ފަހަރު ކަމަށާއި މޫސުމީ ބަދަލުތަކާއި ފުޑް ސެކިއުރިޓީ އަދި 2030 ގެ އެޖެންޑާއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ނިއު ޔޯކުގައި ހުންނަވައި އަދި ކުރެއްވި ދަތުރުފުޅުތަކުގައި 650 އަށްވުރެ ގިނަ ބައްދަލުވުން ބޭއްވި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު