Close
ޚަބަރު

އަދީބު އޭސީސީއަށް ހާޒިރުކޮށްފި

މުހައްމަދު އިޝާން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އެ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

އޭސީސީގެ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ ތަހުގީގަށް އަދީބު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދީބު އޭސީސީއަށް ހާޒިރުކުރިކަން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް އޮފިޝަލް ނުދެއްވައެވެ.

އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު އޭސީސީން މީޑިއާތަކާ ފަހުން ހިއްސާކުރައްވާނެ ކަމަށެވެ.

އަދީބު އޭސީސީއަށް ހާޒިރުކުރި އިރު، އެ ކޮމިޝަނުން ގެންދަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދީބުގެ މައްޗަށް ކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި މައްސަލަ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއެވެ.

އެ ދައުވާތައް ސާބިތުވެފައިވާތީ އަދީބަށް ހުކުމްކޮށްފައިވަނީ އަދީބާއި ދައުލަތާ ދެމެދު 25 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ލިބޭ ހުކުމުގެ މުއްދަތުގެ ލުއިތަކާއެކުއެވެ. އެ އިއުތިރާފުގެ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ ހިޔާނާތުގައި ބައިވެރިވުމުގެ ކުށުގެ ދެ ދައުވާ އާއި ކޮރަޕްޝަންގެ ތިން ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާއެއް އުފުލުމަށެވެ.

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުންހުރި އިތުރު މީހުންގެ މައްސަލަ އޭސީސީން ބަލަމުންދާއިރު ދައުލަތާއެކު އަދީބު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމުގައި އެ މައްސަލަތަކުގައި އެއްބާރުދެއްވާނެކަމަށް އަދީބު ވަނީ ވިދާޅުވެފައިއެވެ.