މާލޭގައި ހަރަކާތްތެރިވާ ގޭންގަކުން ތިން ފުލުހަކަށް ހަމަލާދިން ސަބަބުން ރައީސް ވިދާޅުވެދެއްވައިފިއެވެ.

ލ. ގަމުގައި އިއްޔެ ފެށި ވިއަވަތި ކޮންފަރެންސް މިއަދު ނިންމާލުމަށް ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް ވިދާޅުވީ، ގޭންގަކުން ހަމަލާދިން ފުލުހުންގެ ތެރެއިން އެކަކީ އެ ގޭންގުން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަނުގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވި އޮފިސަރު ކަމަށެވެ.

"އޭނައަކީ ކުރީން އެ ގޭންގުގެ ޑްރަގް ނެޓްވޯކެއްގެ ތެރެއަށް ގޮސް ޑުރަގް ހޯދަން ވެގެން އެކަމުގައި އުޅުނު ފުލުހަކަށް ވާތީ އޭގެ ބަދަލު އެ އައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ގޭންގުން ހިންގަން އުޅުނު ޑްރަގް ހަރަކާތެއް ހުއްޓުވަން އެ ފުލުހުން މަސައްކަތް ކުރި ކަމަށެވެ.

ފުލުހުންނަށް ހަމަލާދިން މައްސަލައިގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބޭއްތިބުމަށް އަމުރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. މާލެއަށް ނިސްބަތްވާ އެ މީހުން ހައްޔަރުކުރީ ހަމަލާދިނުމަށްފަހު ޖީއެން-125 ބްރޭންޑުގެ ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ. ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

ގޭންގަކުން ފަތިބުރި އާއި ލަކުޑުބުރި ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދީފައިވަނީ ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައެވެ. އެ ފުލުހުންނަށް އޭޑިކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.

އެ ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ ހަމަލާދީފައި ވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށް ކަމަށެވެ. ހަމަލާދިން އިރު އެ ފުލުހުން ތިބީ އޮފް ޑިއުޓީގައި ކަމަށެވެ.

ހަމީދު ވިދާޅުވީ މި މައްސަލައިގައި އަވަސް ފިޔަވަޅު އަޅަން އަންގާފައިވާ ކަމަށާއި ފުލުހުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި އޯގަނައިޒްޑް ކްރައިމް ގްރޫޕުތަކާއި ޑްރަގް ޓްރެފިކިންއާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.