ޚަބަރު

ވަކީލުކަމުގެ ހައިސިއްޔަތުން ބޭރުން ކުރާ ކުށްތައް ބާ ކައުންސިލުން ބަލަންޖެހޭގޮތް ހަދަނީ

އިބްރާހިމް ޒަކީ

ޤާނޫނީ ވަކީލުކަމުގެ ހައިސިއްޔަތުން ކުރާ މަސައްކަތްތަކުގެ ބޭރުން، ވަކީލުން ކުރާ ކުށްތަކާބެހޭ މައްސަލަތައް ބާ ކައުންސިލަށް ބެލޭ ގޮތް ހަދަން ނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ. މި ބިލު ހުށަހަޅާ ސަބަބުތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ، ގާނޫނީ ވަކީލުންގެ ސުލޫކީ ޝަކުވާގެ ގޮތުގައި ބާ ކައުންސިލަށް ހުށަހެޅޭނެ ޝަކުވާގެ ބާވަތްތައް ގާނޫނުގައި އިތުރަށް ތަފްސީލު ކުރުން ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ 54 ވަނަ މާއްދާ މިހާރު އޮތް ގޮތުން ގާނޫނީ ވަކީލަކު އޭނާގެ މަސައްކަތުގެ ބޭރުން ކުރާ އަމަލުތަކާއި ގުޅިގެން ސުލޫކީ ފިޔަވަޅު އެޅޭނެ ގޮތެއް ބާއުންސިލަކަށް ނޯވެއެވެ.

ނަމަވެސް ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަކީލަކު މަސައްކަތުގެ ތެރެއިން ކުރާ އަމަލުތަކުގެ އިތުރުން ގާނޫނީ ފަންނުގެ އަސާސްތަކާއި އަދުލު އިންސާފު ގާއިމުކުރުމުގެ ހަމަތައް ނެގެހެއްޓުމަށްޓަކައި ގެންގުޅެންވާނެ އުސޫލުތަކާއި ހިލާފަށް އަދި ގާނޫނީ ފަންނުގެ އިތުބާރު ގެއްލޭފަދަ އަމަލެއް ކުރިޔަސް އެމައްސަލައެއް ކޮންމެ މީހަކަށްވެސް ބާ ކައުންސިލަށް ހުށަހެޅޭނެކަމަށް ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ވަކީލުންނާއި ގުޅޭ މައްސަލަތައް އަމިއްލައަށް އިސް ނަގައިގެންވެސް ބާ ކައުންސިލަށް ބެލޭނެކަމަށް ވެސް ވަނީ ހިމަނައިފައެވެ.