އަމީނީ މަގު ހެދުމުގެ މަސައްކަތަށް އެ މަގުގެ ބައެއް ބަންދުކޮށްފިއެވެ.
އަމީނީ މަގުގެ ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިހާރު މަގު ބަންދުކޮށްފައިވާ ކަމަށެވެ. އެއީ ދަރުބާރުގޭގެ ކުރި މައްޗަށް އޮންނަ މަގަށް ވާ ހިސާބަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކުރީ 210 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ.
އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އަމީނީ މަގުގެ އަމަލީ މަސައްކަތް ފެށި ދުވަހު ވިދާޅުވެފައި ވަނީ، ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަތް މަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި ނަމަވެސް މަސައްކަތް ކުރާނީ އެ މުއްދަތުގެ ކުރިން މަގުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.
އަމީނީ މަގު ތަރައްގީކުރަނީ ގިނަ ދުވަހަށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އެމަގުގައި ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ފަސޭހައިން މަގަށް ވަދެ ނުކުމެވޭނެ ގޮތް ހެދުމާއި މަގުގައި ބްރެއިލް ބްލޮކްސް އަތުރާނެ ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.
އަމީނީ މަގަކީ މާލޭގެ މައި ކަރަންޓު ކޭބަލާއި މައި ފެން ހޮޅި އާއި ދިރާގު އަދި އުރީދޫގެ މައި ކޭބަލް އަޅާފައިވާ މަގަށްވުމުން މަގުގެ މަސައްކަތްކުރާ އިރު، އެ ހިދުމަތްތަކަށް ބުރޫ އަރާނެ ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.
އަމީނީ މަގުގައި އެއްކޮށް ތާޅު އަޅަން ހަމަޖެހިފައިވާ ކަމަށާއި އަދި ޒަމާނީ ފެންވަރުގެ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތި ހަރުކުރާނެ ކަމަށް ވެސް މޫކޭ ވިދާޅުވެފައިވެއެވެ. ވިއްސާރަ ދުވަސްވަރު ސޯޝަލް މީޑިއާގައި އެންމެ ގިނައިން ކުރާ ޝަކުވާއަކީ އަމީނީ މަގުގައި ފެން ބޮޑުވުމުގެ ސަބަބުން ކުރާ ޝަކުވާ ކަމަށާއި އަލަށް ގާއިމުކުރާ ފެން ހިންދާ ނިޒާމާއެކު އެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް މޫކޭ ވިދާޅުވެފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރުމުން ސިޓީ ކައުންސިލުން ވަނީ އެއީ ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅުމުގެ އިތުރުން އާރުޑީސީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު ހެދި އެއްބަސްވުން ބާތިލުކުރަން ވަނީ ކޯޓަށް ހުށަހަޅައިފައެވެ. ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު 210 މިލިއަން ރުފިޔާއަށެވެ.
އެކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލާއެކު އަމީނީ މަގު ހެދުމުގެ އެއްބަސްވުމެއް އޮތްއިރު އަލުން އާރުޑީސީއާ ހަވާލު ނުކުރެވޭނެ ކަމަށާއި އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރުމަށް އާރުޑީސީން ސިޓީ ކައުންސިލަށް ހުށަހެޅި އަގަކީ 39 މިލިއަން ރުފިޔާ ކަމަށެވެ.
ފަހުން މޫކޭ ވިދާޅުވެފައިވަނީ 39 މިލިއަން ރުފިޔާއަށް މަގު ހަދައިދޭން އެއްބަސްނުވީ އެ އަގަށް ރަނގަޅު ފެންވަރެއްގައި މަގު ނުހެދޭނެތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު