މޫނުގައި ރޫޖެހޭތީ ބޭނުންކުރާ ބޭހެއްގެ ފޭކު ބެޗުތަކެއް ދައުރުވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫނުގައި ހުންނަ ރޫ ފިލުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ޑިސްޕޯޓްގެ ސައްހަ ނޫން ބެޗްތަކެއް ބައެއް ގައުމުތަކުގައި ދައުރުވަމުންދާ ކަމަށެވެ. އެގޮތުން ސާވައިކަލް ޑިސްޓޯނިއާ އަދި ގްލަބެއްލާ ލައިންސަށް ދޭ މި ބޭހުގެ ފޭކު ބެޗު އުރުދުން އާއި, އިނގިރޭސިވިލާތާއި, ތުރުކީއާއި, ކުވެއިތާއި, ޕޮލެންޑުގައި ދައުރުވަމުންދާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިއީ ރާއްޖެއަށް އިމްޕޯޓްކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ތެރޭގައި ''ޕްރީ އޮތޮރައިޒޭޝަން'' ނަގައިގެން އިމްޕޯޓްކުރެވޭ ބޭހެއް ކަމަށެވެ. އެކަމަކު މިހާތަނަށް މި ބޭސް އެ ގޮތަށް ރާއްޖެއަށް އެތެރެކޮށްފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

މި ބޭސް ބޭނުން ކޮށްގެން ދޭ ހިދުމަތްތަކަކީ ކޮސްމެޓިކް ހިދުމަތް ތަކަށްވާތީ ރާއްޖެއިން ބޭރުން ބޭސް ގެންނައިރު މި ބެޗުގެ ބޭސްތައް ނުގެނައުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިކަމަށް ސަމާލުކަންދީގެން އެތެރެ ކުރުމަށްވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް, ހާއްސަ ސަމާލުކަމެއްދީގެން ވިޔަފާރި ބަނދަރުތަކުގައި ބަލައި ފާސްކުރާނެކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.