މިދިޔަ ހުކުރު ދުވަހު ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ފުލުހުންތަކަކަށް ހަމަލާ ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ މާލެއަށް ނިސްބަތްވާ 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ. އެ މީހުން ހައްޔަރުކުރީ ހަމަލާދިނުމަށްފަހު ޖީއެން-125 ބްރޭންޑުގެ ސައިކަލެއްގައި ފިލަން ދަނިކޮށް، މަޖީދީ މަގު ޔޫރޯ ސްޓޯރު ފިހާރަ ކައިރިންނެވެ. ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވީ، ތިން ފުލުހަކަށް ހަމަލާދީފައި ވަނީ ހެންވޭރަށް ނިސްބަތްވާ ގުރޫޕަކުން ކަމަށެވެ.
އަނިޔާވި ފުލުހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. އެކަމާ ގުޅޭ ގޮތުން މީޑިއާ އޮފިސަރާ ސުވާލުކުރުމުންވެސް ޖަވާބު ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު