ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހަދަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި މިހާރު ކުރިޔަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަން ފައްޓަވައި ދެއްވައި ރައީސް ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާ އެކީގައި ސަރުކާރުން ހާސިލުކުރަން ބޭނުންވި އެންމެ މުހިއްމު ކަމަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވައި، އޭގެ ޒާތުގައި އަމިއްލައަށް ހިންގޭނެ ގޮތްތަކެއް ފަހިކޮށްކޮށްދިނުން ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް، އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރަމުން އަންނަކަމަށެވެ. އަދި މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށްވުރެވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ 5 ޕަސެންޓް ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި ފަޅުން ލިބޭ އާމްދަނީގެ ކުލީގެ 40 ޕަސަންޓްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމު ކުރެވެމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މިހާރު ކުރިއަށްދާ ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާ ގުޅޭ ގޮތުން ކަމަށެވެ.
މިސެޝަންގައި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށާއި، ކައުންސިލްތަކުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި، އަދި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން، އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ. އަދި ވިޔަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ކުރިން، ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށްވެސް ވަނީ، ކައުންސިލަރުންގެ ފަރާތުންވެސް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ކޮންފަރެންސް، ލ. ގަމުގައި ކުރިޔަށްދާއިރު، މިއަދު މިކޮންފަރެންސް ނިމޭނެއެވެ. މިކޮންފަރެންސްގެ އެންމެ ފަހު ސެޝަންގައި، މަޝްވަރާކުރެވޭނީ، ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.