ޓެނިސް

އުމުރުން އެންމެ 19 އަހަރުގައި ޔޫއެސް އޯޕަން ކާމިޔާބުކޮށް، އަލްކަރާޒް ދުނިޔޭގެ އެއްވަނައަށް

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން އުމުރުން 19 އަހަރުގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލުގައި އަލްކަރާޒް ވަނީ އުމުރުން 23 އަހަރުގެ ކެސްޕާ ރޫޑް ކައިރިން ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ސެޓު އަލްކަރާޒް ގެންދިޔައީ 6-4 އިންނެވެ. ޖެހިގެން އައި ސެޓު ރޫޑް 6-2 އިން ގެންދިޔަ ނަމަވެސް ދެން ޖެހިގެން އައި ދެ ސެޓު 7-6 އަދި 6-3 އިން އަލްކަރާޒް ގެންދިޔައެވެ.

ރޭގެ ކާމިޔާބީއާއެކު އަލްކަރާޒްއަށް ވަނީ ހާއްސަ ރެކޯޑެއް މުގުރާލައިފައެވެ. އެއީ 2005 ވަނަ އަހަރު ރަފޭލް ނަޑާލް ފްރެންޗް އޯޕަން ކާމިޔާބުކުރި ފަހުން، އެންމެ ޒުވާން އުމުރުގައި މޭޖާ ތަށްޓެއް ހޯދި ކުޅުންތެރިޔާގެ ރެކޯޑެވެ. އޭގެ އިތުރުން ސްޕެއިންގެ އަލްކަރާޒަކީީ އުމުރުން 19 އަހަރުގައި ދުނިޔޭ ރޭންކިންގެ އެއްވަނައަށް ޖެހިލި ފުރަތަމަ ޓެނިސް ކުޅުންތެރިޔާވެސް މެއެވެ. އޭޓީޕީ ޓެނިސް ރޭންކިން އިއުލާންކުރަން ފަށާފައި ވަނީ މީގެ 49 އަހަރު ކުރިންނެވެ. އަލްކަރާޒްގެ ކުރިން އެ ރެކޯޑު އޮތީ އޮސްޓްރޭލިއާގެ ކުރީގެ ތަރި ލެލިޓަން ހެވިޓް އަތުގައެވެ.

"މިއީ އަހަރެން ކުޑައިރުން ފެށިގެންވެސް ދެކެމުން އަންނަ ހުވަފެން. ދުނިޔޭގެ އެއްވަނައަށް އެރުމާއި ގްރޭންޑް ސްލޭމް ތައްޓެއް ކާމިޔާބުކުރުން،" ރޭގެ މެޗަށްފަހު އުފަލުން ރޮވިފައި ހުރި އަލްކަރާޒް ބުންޏެވެ.

އަލްކަރާޒް ބުނީ ގްރޭންޑް ސްލޭމަކަށް ބުރަކޮށް މަސައްކަތްކޮށް އެކަން ހާސިލުވުމަކީ ބުނެދޭން ނޭނގޭނެ އިހުސާސްތަކެއް ކުރެވޭ ކަމެއް ކަމަށެވެ.

މިފަހަރު ޔޫއެސް އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ޕޮލެންޑުގެ އީގާ ސްވިއަޓެކެވެ. އީގާ ފައިނަލު މެޗު ކާމިޔާބުކުރީ ޓިއުނީޝިއާގެ އޮންސް ޖެބޯ ބަލިކޮށްގެންނެވެ.