އައިލެންޑް އެވިއޭޝަން ސާވިސަން (އައިއޭސްގެ) ދަށުން ހިންގާ ގައުމީ އެއާލައިން މޯލްޑިވިއަންގެ 321-އޭ މަރުކާގެ އެއާބަހުގެ ލީސް އެގްރީމެންޓް އާ ނުކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "ވަން" އަށް މިރޭ ވިދާޅުވީ، 2015 ވަނަ އަހަރު ކުއްޔަށް ގެނައި އެ އެއާބަސްގެ ލީސް އެގްރީމެންޓް 2023 ވަނަ އަހަރުގެ މާޗު މަހު ހަމަވާނެ ކަމަށެވެ. އެ ބޯޓު މިހާރު ބާވެ މައިންޓެއިންސްއަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާތީ، ލީސް އެގްރީމެންޓް އާ ނުކުރަން ނިންމާފައިވާ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"މިހާރު ނިންމާފައިވަނީ އެބޯޓުގެ އެއްބަސްވުން އާ ނުކުރަން، ވަރަށް ބޮޑު ހަރަދެއްކުރަން ޖެހޭތީ،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ، އެއްބަސްވުން އާނުކުރަން ނިންމާފައިވާ އެއާބަހުގެ ބަދަލުގައި އާ އެއާބަހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ އެއާބަހަކީ ޗައިނާއަށް ދަތުރުކުރަން ބޭނުންކުރާ ބޯޓެއް ކަމަށެވެ. ޗައިނާއިން ލޮކްޑައުންކޮށްފައި އޮތުމުން މިހާރު އެ ބޯޓުގެ ދަތުރުތައް ޝެޑިއުލް ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފޮނުވާލަން އުޅޭ ބޯޓުން ޗައިނާއަށް ޑައިރެކްޓުކޮށް ނުދެވޭ. އެބަޖެހޭ ޓްރާންސިޓް ކުރަން. ބޯޑުގެ ދަތުރުތައް ހުއްޓާލިޔަސް މޯލްޑިވިއަންގެ ދަތުރުތަކައް ބުރޫ ނާރާނެ،" ޖެނިފާ ވިދާޅުވިއެވެ.

މިހާރު ގެނައުމުގެ މަސައްކަތް ކުރަމުންދަނީ ލޯންގް ޑިސްޓެންސް ރީޗް ފުލައިޓެއް ކަމަށާއި އެ ބޯޓުން ސީދާ ޗައިނާއަށް ދަތުރުކުރެވޭނެ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

އަލަށް ގެންނަން ނިންމާފައިވާ ބޯޓަކީ އެއާބަސް ނިއޯ ސީރީޒްގެ، އޭ-320 އެލްއާރް މަރުކާގެ ބޯޓެކެވެ. އަދި އޭ 321 ފޮނުވާލުމުގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް އާ ބޯޓް ހޯދުމަށް އިއުލާން ކުރާނޭ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ 321-އޭ މަރުކާގެ ބޯޓަކީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ. އޭ-320 އެލްއާރް މަރުކާގެ ބޯޓަކީ 206 ޕެސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.