ރާއްޖޭގައި ހިންގާ ގޭންގުތަކުގެ ނުފޫޒު ދައުލަތުގެ އެކި މުއައްސަސާތަކަށާއި ސިޔާސީ އިސް މީހުންނަށް ކޮށްފައިވާ ކަމަށާއި ތ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހިމެނޭ ރަށްތަކުގައި 32 ގޭންގު ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނަށް ހާއްސަކޮށްގެން ލ. ގަމުގައި ކުރިއަށް ގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން އަތޮޅުގައި އެންމެ ގިނަ ގޭންގު ހަރަކާތްތެރި ވަނީ އައްޑޫގައި ސިޓީގައެވެ. އެގޮތުން އެ ސިޓީގައި 13 ގޭންގު ހަރަކާތްތެރިވަމުންދާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން ދެކުނަށް ނިސްބަތްވާ 1506 މީހަކު ރާއްޖޭގެ އެކި ގޭންގުތަކުގައި ހަރަކާތްތެރިވަމުންދެއެވެ. އަދި ގޭންގުތަކަށް ނިސްބަތްވާ 605 މީހަކު ދެކުނުގެ އެކި ރަށްތަކުގައި ދިރިއުޅެމުންދާ އިރު، ތ. އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ ހަ އަތޮޅުގައި 32 ގޭންގު ހަރަކާތްތެރިވަމުންދެއެވެ.

މި ގޭންގުތަކުގައި ކަންބޮޑުވާ އަދަދަކަށް 18 އަހަރުން ދަށުގެ ކުޑަކުދިން ހަރަކާތްތެރިވަމުން އަންނަ އިރު، މާރާމާރީ ހިންގުމާއި ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުންވެސް މާލޭގައި ހަރަކާތްތެރިވާ ނުރައްކާތެރި ގޭންގުތަކުގެ ލީޑަރުން އަތޮޅުތެރޭގައި ލީގަލް ވިޔަފާރިތަކުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ގެސްޓް ހައުސް އާއި އޮޑި ދޯނި ފަހަރު އެ ފަރާތްތަކުން ގަނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ގޭންގުތަކުގެ ނުފޫޒު އެކި ގޮތްގޮތުން މުއައްސަސާތަކަށް ކުރިމަތިވާ ކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް ނުފޫޒު ފޯރުވައި ޝަރުއީ މަރުހަލާގައި ގާނޫނީ ވަކީލުން މެދުވެރިކޮށްގެން ވެސް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އަތޮޅު ތެރޭގެ މި ގޭންގުތަކުން އަންނަނީ މާލޭގެ ބޮޑެތި ގޭންގުތަކާ ގާތް ގުޅުން ބާއްވަމުންނެވެ. އަދި މިފަދަ ބައެއް ގުރޫޕުތައް ސްޕޯޓްސް ކްލަބުގެ ގޮތުގައި ރެޖިސްޓްރީކޮށް، ސޯޝަލް މީޑިއާގައި ޕްރޮމޯޓުކޮށް، މީހުން ރެކްރޫޓު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

  • ތ. އަތޮޅުގައި 2 ގޭންގު
  • ލ. އަތޮޅުގައި 5 ގޭންގު
  • ހުވަދު އަތޮޅުގައި 3 ގޭންގު
  • ފުވައްމުލަކުގައި 8 ގޭންގު
  • އައްޑޫ ސިޓީގައި 13 ގޭންގު