މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ހިދުމަތަށް ދަތިވާ ގޮތަށް ފާކުކޮށްފައި ހުރި 500 އަށްވުރެ ގިނަ ވެހިކަލެއްގައި ފުލުހުން ސްޓިކާ ޖަހައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ފާއިތުވި ހަތަރު ދުވަހު ބަހުގެ ދަތުރުތަކަށް ދަތިވާގޮތަށް ޕާކުކުރި 538 ވެހިކަލެއްގައި ވަނީ ސްޓިކާ ޖަހައިފައެވެ. އަދި ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްގެން 30 ސައިކަލަކާއި އެއް ކާރު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަސް ރޫޓަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގެ އިތުރުން ޓޯކުރަމުންދާނެ ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފަށާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

އެ ހިދުމަތް ފެށުމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވެފައި ވަނީ މިނީ ބަހުގެ ހިދުމަތް ފެށުމާއެކު މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކުކުރުން މަނާކޮށް، ޕާކުކުރުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ބަސް ރޫޓަށް އުނދަގޫވާ ގޮތަށް ޕާކުކުރުން މަނާކޮށްފައިވާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކާ ޖެހުމުގެ އިތުރުން، ޓޯ ކުރަންޖެހޭ ހާލަތްތަކުގައި ޓޯ ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ތިން ރޫޓަކަށް ބަހާލައިގެން މާލޭގައި މިނީ ބަހުގެ ހިދުމަތް ދެނީ 18 ބަހާއެކުއެވެ. އަދި ޖުމުލަ 40 ބަސްސްޓޮޕް ވަނީ ހަދައިފައެވެ.