ޚަބަރު

ދެކުނުގައި ދާއިމަށް ބޭސްކާން ޖެހޭ 8،000 އަށްވުރެ ގިނަ މީހުން އުޅޭ، އެންމެ ގިނައީ ކޮލަމާފުށީގައި: އަމްރު

މުހައްމަދު ޖަމްޝަތް ވަހީދު

ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ދާއިމީ ގޮތެއްގައި ބޭސްކާން ޖެހިފައި ތިބި 8،000 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެެވެ.

އަމްރު މިހެން ވިދާޅުވީ ލ ގަމުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ދެވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވާ އެސްއޯއީ ތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލު ތަކާއި ޑަބްލިއުޑީސީއާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ކައުންސިލް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަމްރު ވިދާޅުވީ ރަށްރަށަށް މެދުނުކެނޑި ބޭސް ފޮނުވުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ބޭސްކާން ޖެހޭ މީހުންގެ އަދަދު ނޭނގުން ކަމަށެވެ. އަދި އެ މައުލޫމާތު ހޯދިފައި ނެތުމުން ރަށްރަށަށް ބޭސް ފޮނުވަނީ އާބާދީއަށް ބަލާފައި ކަމަށާއި ނަމަވެސް އާބާދީ ކުޑަ ރަށްރަށުން ބޭސް ބޭނުން ކުރާ މިންވަރު އިތުރުވެ އަވަހަށް ބޭސް ހުސްވާ ކަމަށް ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދުމަށް އެ މައުލޫމާތު އެއްކުރުމަށް މިހާތަނަށް ބެލި ބެލުމުން ރާއްޖޭގެ އެންމެ ދެކުނުގެ ހަ އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ ޖުމުލަ 8،622 މީހުން ތިބި ކަން ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ތިބީ ގއ. ކޮލަމާފުށީގައި ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކޮލަމާފުށީގައި އެކަނިވެސް ކޮލެސްޓްރޯލް ބޭސް ކާން ޖެހޭ 106 މީހުންނާއި ލޭމައްޗަށް ދިއުން ހުއްޓުވުމަށް ބޭސްކާން ޖެހޭ 122 މީހުން އެބަތިބި ކަމަށެވެ. އަދި މި އަދަދުތައް ހޯދިފައިވާތީ ރަށްރަށުން ބޭސް ހުސްވުމުގެ މައްސަލައަށް ހައްލެއް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.