ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓް މެގަވޮޓްގެ ޖުމުލަ މިދިޔަ ދެތިން އަހަރުން ދެގުނަ ކުރެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއެކު ލ. ގަމުގައި މިހާރު ކުރިއަށްދާ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކަރަންޓާއި ފެނާއި ނަރުދަމާއަކީ ހުރިހާ ރައްޔިތުންނަށްވެސް ކޮންމެހެން ލިބިދިނުން މަޖުބޫރު ހިދުމަތްތައް ކަމަށެވެ.

އެގޮތުން ފާއިތުވި 70 އަހަރުން އަތޮޅުތަކުގައި ހުރި ކަރަންޓު މެގަވޮޓްގެ ޖުމުލަ މިދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ދެ ގުނަކޮށްފައިވާ ކަމަށާއި އަދި ދުންބޯ އިންޖީނުގެތަކުން މިންޖުވެ، ޒަމާނީ އިންޖީގެތައް އިމާރާތްކުރެވި، ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދުރު އަދި މެދުރާސްތާގައި އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ.