"ދަރިފުޅު މަރުވިފަހުންވެސް ވަރަށް ފާޑަކަށް ހުންނަނީ. ދެން ފަހުން ބުނި މައްސަލަތަކެއްގެ ތެރޭ އުޅޭ ވާހަކަ. އެއީވެސް ކަމެއް ފާހަގަވެގެން އެހީމަ. ދެން ވަރަށް ބޮޑަށް އެވާހަކަ ދެއްކި. ވަރަށް ބޮޑަށް ޑިޕްރެޝަންގަ ހުރީ. ހުސްވި ހަފުތާގަ ބުނި އިއްޔެ ދިމާވާން ހިނގާށޭ. ވަރަށް ބައިވަރު ވާހަކަ ކިޔައިދޭންވެފަ އެބައޮތޭ. އެކަމަކު ހުޅުމާލެއަށް ދެވުނު އިރު ލިބުނީ މަރުގެ ހަބަރު."
މިއީ ރޭ ކުއްލި ގޮތަކަށް މަރުވި ތ. ކަނޑޫދޫ އަޝްފާހު އިބްރާހިމްގެ ވާހަކަ އޭނާގެ ގާތް އެކުވެރިޔަކު ފެށިގޮތެވެ.
އަޝްފާހު (ރައްޓެހިންގެ ނަމުން ނަމަ އަޝްކޮ) އަކީ ވަރަށް ހިތްހެޔޮ ބަސްމަދު މީހުންނަށް ހެޔޮ މީހެއް ކަމަށް އޭނާ ދަންނަ ގިނަ މީހުން ބުނެއެވެ. ދުވަހަކުވެސް ޑުރަގުގެ އެއްވެސް ކަމެއްގައި ޖެހިފައި ނުވާނެ ކަމުގެ ޔަގީންކަން ކުޑައިރުއްސުރެން އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ ދިިނެވެ.
އަޝްކޮގެ ވަކިވުން ވީ އޭނަ ދަންނަ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ގެނުވި ކަމަކަށެވެ. މުޅި ސޯޝަލް މީޑިއާ ތައުޒިޔާގެ މެސެޖުތަކުން ފުރިިފައިވާއިރު ގިނަ ބަޔަކަށް އަޝްކޮ ވަކިވެ ދިޔަކަން ގަބޫލުކުރަންވެސް ދައްޗެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އާ ވާހަކަ ދެއްކި އަޝްކޮގެ އެންމެ ގާތް މީހުންގެ ތެރޭ ހިމެނޭ މީހަކު ބުނީ، ދަރިފުޅުގެ ވަކިވުމާއެކު އޭނާގެ ހިތް ކުދި ކުދިވެފައިވާ ކަމަށެވެ. ދަރިޔަކު ލިބޭތޯ ދުށް އެތައް ހުވަފެންތަކެއް ވިއްސި ވިހާލިވެގެންދިޔަ ކަމަށް ރައްޓެހިން ގާތު ބުނެފައިވެއެވެ. އޭނާގެ ފޭސްބުކް ޕޯސްޓުތަކަށް ބަލައިލުމުންވެސް އެކަން ފާހަގަވެއެވެ.
"އަޝްކޮ ކުރިންވެސް މެރީކުރި. އެކައިވެނީގަވެސް ދަރިޔަކު ނުލިބިގެން ވަރަށް އުޅުނު. ދެވަނަ ކައިވެނީގަ ދަރިޔަކު ލިބެން އުޅޭކަން އެނގުމުން ވަރަށް އުފާވެފަ ހުރީވެސް. ދަރިފުޅު ލިބުނުތާ 13 އަށް ވީ ދުވަހު އެކުއްޖާ މަރުވީ. އޭގެ ފަހުން ވަރަށް މާޔޫސްވެފަ ހުންނަނީ. ވަރަށް ލޯބިވާނެ ކުޑަކުދިންދެކެ." ދަރިފުޅު މަރުވުމުން ވީ ކަންތައް ކިޔައިދެމުން އޭނާ ބުންޏެވެ.
އަޝްކޮގެ ކައިވެންޏަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވީނަމަވެސް ދަރިފުޅު މަރުވި ފަހުން އަނބިމީހާއާ ދެ މީހުން ވަކިން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ރައްޓެހިންނާއި ދިމާކުރުން މަދުވެ އަބަދު ގޭގައި އޮންނަ ކަން ފާހަގަވެ ގޭގައި ނޯވެ ބޭރު ތެރެއަށް ނިކުމެ އުޅެން މަސައްކަތް ކުރުމަށް ހުރިހާ ރައްޓެހިންވެސް ނަސޭހަތް ދޭ ކަމަށް އޭނާ ބުންޏެވެ. އަދި ހުސްވި ހަފުތާގެ ހުކުރު ދުވަހު އަޝްކޮ މެސެޖުކުރި ކަމަށާއި މި ހަފުތާ ބަންދުގައި ހުޅުމާލެ އައިސް އޭނާއާ ބައްދަލުކުރުމަށް އެދުނު ކަމަށެވެ.
"އިއްޔެ މީ ބައްދަލު ކުރަން ބުނި ދުވަސް. ކަންކަން ހުރި ގޮތުން ބައްދަލު ނުވެ ހުއްޓާ ހުޅުމާލެ ދެވުނު އިރު އަޝްކޮ މަރުވެއްޖެ. އަޝްކޮ އިއްޔެ އިރުއޮއްސުނު ގަޑީގަ އަހަރުމެންގެ ތެރެއިން އެކަކަށް ގުޅާފަ ބުނި އޭނާ ދިރިއުޅޭ ފްލެޓަށް އަންނަން. ވަރަށް ބައިވަރު ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނި. އަދި އަންނަމުން ސިނގިރޭޓު ފޮއްޓެއް ހިފައިގެން އަންނަންވެސް ބުނި. އޭނަ ދިޔައިރު އަޝްކޮ އޮތީ ސޯފާގަ ވަރަށް ރީއްޗަށް ދެމިގެން. ދެން ގޮވާ ގޮވާ އަނގައިން ނުބުނީމަ ގައިގަ ކޮއްޓާލީމަވެސް ނުހޭލި. ނޭވާލާތޯ ބެލިއިރު ނޭވައެއް ނުލާ. ދެން އަވަހަށް އެމްބިއުލާންސަށާ ޕޮލިހަށް ގުޅީ،."
ޑިޕްރެޝަންގައި އަޝްކޮ ގޯސްކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދިން ކަމަށާއި އެގޮތުން އެކަނި ގޭގައި އޮވެ އަމިއްލަޔަށް މަރުވުން ކަހަލަ ގޯސްކަމެއް ނުކުރާނެ ކަމަށް ހުރިހާ ރައްޓެހިންގާތުވެސް ބުނި ކަމަށް އޭނާ ބުންޏެވެ.
އެހެން ރައްޓެއްސަކު "ވަން" އަށް ބުނީ އަޝްކޮ ވަކިވެ ދިޔަކަން ގަބޫލުކުރަން އަދިވެސް ދަތި ކަމަށެވެ. ބަޔަކު މީހުން އޭނާ ޑްރަގު އޯވަޑޯޒް ވީ ކަމަށް ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އޭނާ އަކީ އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށް ބުންޏެވެ.
ދަރިފުޅާއި އަންހެނުންނާ ވެސް ވަކިވެ މީހާގެ ހިތް ކުދިކުދިވެފައި ހުއްޓާ ކުއްލި ގޮތަކަށް އަޝްކޮ ވަކިވެގެން ދިޔުމުން އެންމެންގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ރޭ އިރާކޮޅު އަޝްކޮގެ ކުއްލި މަރުގެ ހަބަރާއެކު ހުޅުމާޅެ ހޮސްޕިޓަލަށް ޖަމާވި މީހުންގެ ތެރެއިން ކަރުނަ ނުހިލޭ އެންމެ ލޮލެއްވެސް ނެތެވެ. އަޝްކޮގެ ޖަނާޒާގައި ބައިވެރިވި މީހުންގެ ހާލަކީވެސް މިއެވެ. ފަތިސް ނަމާދަށްފަހު އަޝްކޮގެ ޖަނާޒާ ބާއްވާފައިވާއިރު މި ޖަނާޒާގައި ބައިވެރިވި މީހުންނަށްވެސް އޭނާ ވަކިވެ ދިޔަކަން ގަބޫލު ކުރަން ދައްޗެވެ.
މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު އަޝްކޮ އޭނާގެ ފޭސްބުކުގައި ޝެއާކޮށްފައިވާ ޕޯސްޓެއްގައި، މަރުވުމުގެ ކުރިން އެންމެ ފަހު ބަހަކަށް ޝަހާދަތުގެ ދެކަލިމަ ކިޔަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
އަޝްކޮ ވަކިވެގެން ދިޔައީ ދަރިފުޅު މަރުވިތާ ފަސް މަސް ވީތަނާއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް