ލ. ގަމުން: މުހައްމަދު ޖަމްޝަތު - ވަން އޮންލައިން
250 އަށްވުރެ ގިނަ ބައިވެރިންނާއެކު ތިން ވަނަ "ވިއަވަތި ރާއްޖެ ކޮންފަރެންސް" މިއަދު ފަށައިފިއެވެ.
ލ. ގަމުގައި މިއަދު "ވިއަވަތި ކޮންފަރެންސް" ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ވިއަވަތި ކޮންފަރެންސަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތީން ފެށި ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި ކައުންސިލުތައް ބާރުވެރިކުރުމަށް ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.
މީގެ އިތުރުން އިދާރީ ގޮތުންނާއި މާލީ ގޮތުން ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބެލުމާއި ކައުންސިލްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރައީސް އާއި ކަމާބެހޭ ވަޒީރުންނާއެކު މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދައިދިނުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.
މި ކޮންފަރެންސްގައި ދެކުނު ހަތް އަތޮޅުގެ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ މީހުން ބައިވެރިވެ އެވެ.
މިއަހަރުގެ ވިއަވަތި ކޮންފަރެންސް ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މިރަށުގައި މިހާރު ކުރިއަށްދާ ކޮންފަރެންސަކީ މިއަހަރުގެ ދެވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.
މެދު ރާއްޖެތެރޭގެ ރަށްތަކަށް (ބ،ޅ،ކ،އ،ވ،ފ) ހާއްސަކޮށްގެން މި އަހަރުގެ ފުރަތަމަ ކޮންފަރެންސް މިދިޔަ މެއި މަހު އއ. އުކުޅަހުގައި ވަނީ ބާއްވައިފައެވެ. ވިއަވަތި ރާއްޖެ ފުރަތަމަ ކޮންފަރެންސް ބާއްވައިފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކްރޮސްރޯޑުގައެވެ. ޖެހިގެން އައި ދެ އަހަރު ކޮވިޑުގެ ސަބަބުން މި ކޮންފަރެންސް ބާއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު