އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުގެ ހިތާމައިގައި އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ޑިވިޝަންތަކުގައި މިހަފުތާގައި ކުޅެން ހަމަޖައްސާފައިވާ މެޗުތައް ފަސްކުރަން ނިންމައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގާއި އީއެފްއެލްގެ ކްލަބުތައް މިއަދު ހާއްސަ ބައްދަލުވުމެއް ބާއްވައި، ނިންމާފައި ވަނީ މި ހާލަތުގައި މެޗުތައް ކުރިއަށް ނުގެންދިޔުމަށެވެ. އެއީ އިނގިރޭސި ރާނީއަށް ފުރިހަމައަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށްވެސް ކްލަބުތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. މިރޭގެ އިތުރުން މާދަމާ އާއި އާދީއްތަ ދުވަހުގެ އިތުރުން ހޯމަ ދުވަހުގެ ރޭ ކުޅެން އޮތް ލީގު މެޗުތައްވެސް ވަނީ ފަސްކޮށްފައެވެ.
ފަސްކުރަން ނިންމާފައިވާ މެޗުތައް ކުޅޭނެ ތާރީހުތައް ފަހުން އިއުލާން ކުރާނެ ކަމަށްވެސް ޕްރިމިއާ ލީގާއި އީއެފްއެލް އެކުވެ ނެރުނު ބަޔާނުގައިވެއެވެ.
ޕްރިމިއާ ލީގާއި ދަށް ޑިވިޝަންގެ މެޗުތައް ފަސްކުރި ކަމަށް އިއުލާން ކުރީ އެހެނިހެން ކުޅިވަރުތައްވެސް ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމާފައި ވަނިކޮށެވެ. އިނގިރޭސިވިލާތުގެ އެކިއެކި ސަރަހައްދުތަކުގައި ކުރިއަށް އޮތް ހަފުތާއަށް ތާވަލުކޮށްފައިވާ ހުރިހާ ކްރިކެޓް އިވެންޓެއް މިހާރު ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.
އަންނަ ހަފުތާ ތެރޭގައި ބާއްވަން ތާވަލު ކޮށްފައިވާ އަސް ރޭހުގެ އިވެންޓްތަކެއްގެ އިތުރުން އިންގްލެންޑުން ދެކުނު އެފްރިކާއާ ދެކޮޅަށް މިއަދު ކުޅެން އޮތް ޓެސްޓް ކްރިކެޓް މެޗުވެސް ވަނީ ފަސްކޮށްފައެވެ. އޭގެ އިތުރުން އަޔަލޭންޑްގެ ރަގްބީ ލީގުގެ މެޗުތައްވެސް ހުއްޓުމަކަށް ގެނެސްފައިވާ އިރު، އިނގިރޭސި ތަހުތުގެ ދަށުގައި ވެރިކަން ހިނގަމުންދާ ހުރިހާ ގައުމެއްގައިވެސް ކުޅިވަރު އިވެންޓްތައް ހުއްޓާލައި، ހިތާމަފާޅުކުރުމުގެ ދުވަސްތަކަކަށް ވަނީ ގޮސްފައެވެ.
އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އިނގިރޭސި ރާނީ، އެލިޒެބަތު ދެވަނަ އަވަހާރަވި އިރު، އެކަމަނާގެ އުމުރުފުޅުން 96 އަހަރެވެ. ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. އެމަނިކުފާނު މިއަދު ލަންޑަނަށް ވަޑައިގެން ގައުމާ މުހާތަބުކުރައްވަން ހަމަޖެހިފައިވެއެވެ.
ރާނީ އަވަހާރަވި އިރު، އެކަމަނާގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ. މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު