އިސްލާމީ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 11

އަބްދުﷲ ފާރޫގް ހަސަން

( 2 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

سلطـــان مــــــراد خــــان އޭރު ހުންނެވީ އޭޝިޔާގައެވެ. އޭނާއަކަށް މަސީޙީންގެ މިތައްޔާރީތަކުގެ ޚަބަރެއް ލިބިވަޑައެއް ނުގަންނަވައެވެ. އެޒަމާނުގެ ޚަބަރު ފެތުރުމުގެ ވަސީލަތްތައް ހުރިގޮތުންނެވެ. އޭނާއާ ދެކޮޅަށް ނަގައި ފަށްކުރަމުން އަންނަ ޠޫފާނީ ވިލާގަނޑުގެ މޭގައެއް ފެނިވަޑައެއް ނުގެންނެވިއެވެ. سلطـــان مــــــراد ބުރުސާގައި ހުންނަވަނިކޮށް ޚަބަރު ލިބިވަޑައިގެންނެވީ މަސީޙީން އޭނާ ރުމޭލިޔާގައި (ލީންޕޫލް ވިދާޅުވާގޮތުގައި ބޮސްނިޔާގައި) ބައިތިއްބަވައިފައިތިބި ވިހިހާސް ސިފައިންގެ ލަޝްކަރުގެ ތެރެއިން ފަނަރަހާސް ސިފައިން ޤަތުލުކޮށްލައިފި ކަމުގައެވެ. ޔޫރަޕުގައިވާ ޢުޘްމާނީ ހުރިހާ ޕްރޮވިންސްތަކަކާއި ވެރިރަށް އެޑްރިޔާނޯޕަލް ވަނީ ނުރައްކަލުގެ ތެރޭގައި ކަމުގައެވެ. ސާބިޔާއާއި ބަލްގޭރިޔާގެ ވެރީން އޭނާއާ ކުރައްވައިފައިވާ މުޢާހަދާ އުވައިލައްވައިފި ކަމަށާއި ތުރުކިއޭ ސިފައިން ޤަތުލުކުރީވެސް ސާބިޔާއާއި ބަލްގޭރިޔާގެ ލަޝްކަރު ކަމުގައެވެ.

سلطـــان مــــــراد خــــان އެންމެ ހިނދުކޮޅެއްވެސް ނަންގަވައެއް ނުލައްވައެވެ. އަވަސްއަވަހަށް ވަޑައިގެންނެވީ އެޑްރިޔާނޯޕަލަށެވެ. سلطـــان مــــــراد އޭނާގެ ކޮމާންޑަރ އިން ޗީފް عـلـــى ޕާޝާއަށް ތިރީސްހާސް ސިފައިން ދެއްވައިފައި ކުރިޔަށް ފޮނުއްވައިލެއްވިއެވެ. މަސީޙީން ކުރިއަރަމުންއަޔަނުދެއްވައި ހުއްޓުވުމަށްޓަކައެވެ. ޚުދު އޭނާ އެޑްރިޔާނޯޕަލްގައި މަޑުކޮށްލެއްވީއެވެ. ބޭނުންފުޅުވާ އިންތިޒާމުތައް ހަމަޖައްސަވައިލެއްވުމަށްޓަކައެވެ.

792ހ./1389މ. ގައި عـلـــى ޕާޝާ ވަޑައިގެން ބަލްގޭރިޔާގެ ރަސްގެފާނު ސިސްވަން (Siswan) ބަލިކުރައްވައި ޢުޘްމާނީ ދައުލަތަށް އަލުން ކިޔަމަންތެރިވެވަޑައިގަންނަވާން މަޖުބޫރުކުރައްވައިފިއެވެ.

ޢީސާއީ ޤައުމުތަކުގެ ލަޝްކަރުތަކުގެ އިސްވެރިޔާ ސާވިޔާގެ ރަސްގެފާނު އެންމެފުރަތަމަ ލަޝްކަރު ޖަމާކުރެއްވީ ކޮސޯވޯއަށެވެ. އެއަށްފަހު ޔޫރަޕުގެ އެބައިބޯ ލަޝްކަރު ނުހަނު ރައްކައުތެރިކަމާއެކު ދަތުރުކޮށްފައި އައިސް ކޭމްޕް ޖެހުމަށްފަހު سلطـــان مــــــراد އަށް ހަނގުރާމައިގެ ދަޢުވަތު ފޮނުވައިފިއެވެ. ކްރޭޒީ ލިޔުއްވައިފައިވެއެވެ.

ސާވިޔާގެ ރަސްގެފާނު ލަޒާރުސް މިފަދަ ބޮޑު ލަޝްކަރެއް އެއްކުރެއްވެވުމުން ނުހަނު ބޮޑާފުޅުކަމާއެކު ދެފަރާތުގެ ދެމެދުގައި ދެގޮތުންކުރެ އެއްގޮތެއްގެ ނިޔާކަނޑައެޅޭ ހަނގުރާމަޔަކަށް سلطـــان مــــــراد އަށް ދަޢުވަތު ދެއްވިއެވެ. سلطـــان مــــــراد ވެސް އޭރު ހުންނެވީ ލަޒާރުސް ދަޢުވަތު ދެއްވިފަދަ ހަނގުރާމަޔަކަށް ތައްޔާރުވެވަޑައިގެންނެވެ. އެހެންކަމުން ޚުދު އޭނާ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފަކަށް ވެވަޑައިގެން ލަޝްކަރާއިގެން ދަތުރު ފައްޓަވައިފިއެވެ. ފަރުބަދަތަކުގެ ތެރޭގެ ދަތި އުނދަގޫ މަގުތަކުން ދަތުރުކުރައްވައިފައި ކޮސޯވޯގެ މައިދާނަށް ވަޑައިގެންފިއެވެ. سلطـــان مــــــراد ގެ ލަޝްކަރަށް މައިދާނަށް އާދެވުނީ އެދުވަހުގެ ހަވީރުއެވެ. އެ މައިދާނުގައި ކުޑަކުޑަ ކޯރެއް އޮތެވެ. ޝީންޓްޒާ ކޯރެވެ. ޢީސާއީންގެ ކޭމްޕުހުރީ ކޯރުގެ އުތުރުފަރާތުގައެވެ. 26 އޯގަސްޓް 1389މ. ގައި سلطـــان مــــــراد ވެސް ވަޑައިގެން ޢީސާއީންގެ ކުރިމަތީގައި ލަޝްކަރު މަޑުކުރައްވައިފިއެވެ. މުސްލިމުންގެ ލަޝްކަރު ހަތިޔާރާއި ސިފައިންގެ ޢަދަދުގެ ގޮތުންވެސް ޢީސާއީ ލަޝްކަރުގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެވެސް މަދެވެ. ޢީސާއީންނަށް އެތަން ފެނުމުން އެބައިމީހުންގެ ހިތްވަރާއި ފަންވަރު އިހުނަށްވުރެވެސް ދެގުނަ އިތުރުވިއެވެ. މުސްލިމުންނަށްވުރެ ކުރީން މައިދާނަށް ދިޔައީ ޢީސާއީންނެވެ. އެހެންކަމުން އެމީހުން ތިބީ ހަނގުރާމަޔަށް ފަހިވާނެ ތަނުގައި މުޢަސްކަރު ހަދައިގެންނެވެ. އަނެއްކާ އެމީހުންތިބީ ވަރުބަލި ފިލައިފައެވެ. ތާޒާކަންމަތީގައެވެ. މުސްލިމުންނަށް އެހިސާބަށް ދެވުނީ ފަރުބަދަތެރޭގެ ދަތި އުނދަގޫ މަގުތަކުން ދަތުރުކޮށްފައެވެ. އެހެންކަމުން މުސްލިމުންތިބީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެސަރަޙައްދަކީ ޢީސާއީންނަށް އައުތަނެއް ނޫނެވެ. އެހިސާބުގަނޑުގެ ވަޒަންވެރީންނަކީ އެބައިމީހުންގެ އެކުވެރީންނެވެ. ބައިވެރީންނެވެ. އެއްޤައުމެއްގެ އެއްދީނެއްގެ މީހުންނެވެ. އެހީތެރި މަދަދުގާރުންނެވެ. އަނެއްކޮޅުން މުސްލިމުންނަށް އެއީ ބީރައްޓެހި ދުރުހިލޭ ތަނެކެވެ.

މަޝްވަރާ މަޖިލިސް

ވިދިގެންއައިރޭ ދެފަރާތުންވެސް ހަނގުރާމަ ކުރިޔަށްގެންދާނެގޮތާމެދު މަޝްވަރާކުރިއެވެ. ޢީސާއީ ލަޝްކަރުގެ ބައެއް އަމީރުންގެ ޚިޔާލުފުޅަކީ މުސްލިމުން ވަރުބަލިކަމުގައި ތިއްބައި އެރޭ ރޭގަނޑު ރޭދަލެއް އެއްލައި މުސްލިމުން އެކަށް ފަނާކޮށްލުމެވެ. ޢީސާއީންނަށް އެބައިމީހުންނަށް ފަތަޙަ ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތެވެ. އެހެންކަމުން އަނެއްބަޔެއްގެ ޚިޔާލަކީ ދުވާލުގެ އަލިކަމުގެ ތެރޭގައި ހަނގުރާމަ ކުރުމެވެ. ރޭގަނޑު ހަނގުރާމަ ކުރުމުން މުސްލިމުންގެ އެއްބަޔަކަށް ފިލައިގެންދިޔުމުގެ ފުރުސަތު ލިބިދާނެތީއެވެ. މުސްލިމުންކުރެ އެކަކަށްވެސް ފިލައިގެންދާނެ ފުރުސަތު ދޭކަށެއް ޢީސާއީން ބޭނުމެއް ނޫނެވެ. އެމަޤްޞަދު ޙާޞިލުވާނީ ދުވާލުގެ އަލިކަމުގެ ތެރޭގައި ހަނގުރާމަކުރުމުން ކަމުގައިދެކޭތީއެވެ.

އަނެއްކޮޅުން ޢީސާއީންގެ ޢަދަދު ގިނަކަމުގެ ސަބަބުން މުސްލިމުން ތިބީ ކުޑައިކޮށް ފަސްޖެހޭގޮތް ވެފައެވެ. سلطـــان މަޝްވަރާ މަޖިލިސް ބޭއްވެވުމުން ބައެއް އޮފިސަރުން މަޝްވަރާ ދެއްވިއެވެ. "މުދާ އުފުލާ ޖަމަލުތައް ލަޝްކަރުގެ ކުރިމަތީގައި ބަރިބަރިޔަށް އަތުރައިލަމާ ހިންގަވާށެވެ. ދިރޭ ފާރެއްގެ ބޭނުންހިފުމަށްޓަކައެވެ. އެހެން ހެދުމުގެ އަނެއް ފައިދާއަކަށްވާނީ ދުޝްމިނުން ޙަމަލަދިނުމުން އެބައިމީހުންގެ އަސްތައް ސިހޭގޮތްވުމެވެ. އެބައިމީހުންގެ އަސްތައް ކެވިގެން އެކިފަރާތްފަރާތަށް އަރަމުންދާނެއެވެ. ސަފުތަކުގެ ތަރުތީބެއް ނުހިފެހެއްޓޭނެއެވެ." سلطـــان مــــــراد ގެ ދޮށީދަރިކަލުން بــايـــزيــد ޔިލްދިރިމަށް އެ މަޝްވަރާގެ އަޑު އިވިވަޑައިގެންނެވުމުން ހަމައެވަގުތު އެމަޝްވަރާއާ ދެކޮޅު ހައްދަވައިފިއެވެ. بــايـــزيــد ވިދާޅުވިއެވެ. "ތިޔައީ ބަލިކަށިކަމާއި ބިރުގަތުމުގެ ޢަލާމަތެކެވެ. ތިޔަފަދަ ނުކުޅެދުމާއި ފިނޑިކަން ދައްކައިދޭ ހުށަހެޅުމަކަށް ޢަމަލުކުރުމަކީ ރަނގަޅު ކަމެއްކަމަކަށް ނުދެކެމެވެ. އަޅުގަނޑުމެން ހާމަ މައިދާނެއްގައި ސީދާ ކުރިމަތިލައިގެންތިބެ ދުޝްމިނުންނާ ކަނޑިޔާއި ކަނޑި އަޅާނީއެވެ." ކޮންމެއަކަސް މިބާވަތުގެ ހުށަހެޅުންތައް ހުށަހެޅެމުން ދިޔައިރު سلطـــان مــــــراد މުސްތަޤިއްލު ހުށަހެޅުއްވުމެއް ހުށައެއް ނާޅުއްވައެވެ. (ތާރީޚެ އިސްލާމް: 334، 333)

ކްރޭޒީ ވިދާޅުވާގޮތުގައި بــايـــزيــد އަދިވެސް ވިދާޅުވިއެވެ.

"ޤުދުރަތުން އަބަދުވެސް ހަނގުރާމައިގެ މައިދާނުގައި ޢުޘްމާނީންނަށް މަދަދު ކުރައްވައެވެ. ތިޔަކަހަލަ ހުށަހެޅުންތަކަށް ޢަމަލުކުރުންވާނީ އަރަހުށި މާތް اللّـــه އަށް އިޢުތިމާދު ކުރުމާއި އިތުބާރު ބެހެއްޓުމާ ޚިލާފުކަމެއް ކަމުގައެވެ. އަޅުގަނޑުމެންގެ ދިދައިގެ މަތިވެރިކަން ލާޒިމުކުރަނީ ހުޅެވިހަނދުގެ ދިދައިގެ ހިޔަލުގައި ހަނގުރާމަކުރާން ނުކުންނަ މީހުން ދުޝްމިނުންނާ ކުރިމަތިލައިގެންތިބެ ކެރިގެން ހަނގުރާމަ ކުރުމެވެ. ކޮންމެފަދަ ބާރުގަދަ ދުޝްމިނުންތަކެއް ކަމުގައިވިޔަސްވެހެވެ."

ކްރޭޒީ ވިދާޅުވާގޮތުގައި سلطـــان مــــــراد ގެ وزيــــرالأعـظــم ވެސް ތާއީދުކުރެއްވީ މަސީޙީންނާ ސީދާ ކުރިމަތިލައިގެންތިބެ ހަނގުރާމަ ކުރުމަށެވެ. އޭގެ ސަބަބަކީ އޭނާ ކީރިތި ޤުރްއާނުން ދެފަހަރަށް ފާލުބެއްލެވިއިރު އެކަމަށް ތާއީދު ލިބޭގޮތަށް ފާލަށް ނުކުތުމެވެ. އޭނާއަށް އެންމެފުރަތަމަފަހަރު ފެނިވަޑައިގެންނެވީ ތިރީގައި މާނަ މިބަޔާންކުރާ އާޔަތެވެ.

"އޭ ނަބިއްޔާއެވެ! ކާފިރުންނާއި، މުނާފިޤުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެވަޑައިގަންނަވާށެވެ!" (الــتـّــوبـــة: 73)

މި އާޔަތެވެ. ދެވަނަފަހަރަށް ބެއްލެވުމުން ފެނިވަޑައިގެންނެވީ، ތިރީގައި މާނަ މިލިޔާ އާޔަތެވެ.

"اللّـــه ގެ އިޒުނައާއެކު ކިތައްކިތައް މަދު ޖަމާޢަތުގެ މީހުން، ގިނަ ޖަމާޢަތުގެ މައްޗަށް ގަދަވެގެންފައިވޭހެއްޔެވެ؟ اللّـــه ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ." (الـبقــــرة: 249)

مــــــراد ގެ ދުޢާފުޅު

މަސީޙީންތިބީ މައިދާނުގެ ވައިމަތީފަރާތުގައެވެ. ވައި ވަރަށްގަދައެވެ. ވަޔާއެކު ވަރަށްބޯކޮށް ހިރަފުސް އާދެއެވެ. ހީވަނީ މުސްލިމުންގެ މޫނުމަތީގައި ގަދަވައިރޯޅިތަކާއި ހިރަފުހުގެ ތަފާތަކެއް ޖަހަމުން ގެންދާހެންނެވެ. މިއީ މުސްލިމުންނަށް ނިހާޔަތުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެފަދަ ޙާލަތެއްގެ ނިޝާނެކެވެ. މުސްލިމުންގެ ޢަދަދު މަދުކަމާއި މަސީޙީންގެ ނިސްބަތުން ހަތިޔާރުގެ ދޭސީކަން ފެނިވަޑައިގެންނެވުމުން سلطـــان مــــــراد އަރަހުށި މާތް اللّـــه ޙަޟުރަތަށް ރުޖޫޢުވެވަޑައިގެން އިލްތިޖާކުރައްވާން ފައްޓަވައިފިއެވެ. އެރޭގެ ފަތިސްދަންވެއްޖައުމަށް ދާންދެން مــــــراد އިންނެވީ ކީރިތިކުރެއްވުމާއި ދުޢާކުރެއްވުމުގައެވެ. سلطـــان ގެ ދުޢާފުޅުގައި ވިދާޅުވިއެވެ.

"ޢިއްޒަތްތެރިވަންތަ ގަދަކީރިތިވަންތަ ރަސްކަލާކޯއެވެ! މިއީ އިސްލާމާއި ކުފުރާ ދެމެދުގެ ކުރިމަތިލުމެކެވެ. އަޅަމެންގެ ފާފަވެރިކަމުގެ މައްޗަށް ބައްލަވައިވޮޑިނުގަންނަވާނދޭވެ! އިބަރަސްކަލާނގެ ރަސޫލާ محـمّــد عـــــربـِـــى صـلّــى اللّـــه عـليــه وسـلّــم ގެ ދީނުގެ ޝަރަފު ދަމަހައްޓަވައިދެއްވާނދޭވެ! މިއަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވާނދޭވެ!" مــــــراد ގެ މަތިވެރި އިބްތިހާލާއި ރީތި ދުޢާފުޅުގެ ސަބަބުން ގަދަކީރިތިވަންތަ މާތް اللّـــه ގެ ރަޙުމަތްފުޅު އޭނާއަށް ލިބިވަޑައިގެންނެވިއެވެ. އޭގެ ނިޝާނެއްގެގޮތުން ފަތިސްވުމާއެކު ނުހަނު ބޯކޮށް ވާރޭވެހޭން ފަށައިފިއެވެ. ހިރަފުސް އޮބި ޖައްވު ސާފުވެ މޫސުން ވަރަށް ރީތިވެއްޖެއެވެ. (ޞަފުޙާ: 34)

(ނުނިމޭ)