އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ، އުމުރުފުޅުން 96 އަހަރުގައި އިއްޔެ ވަނީ އަވަހާރަވެފައެވެ. އެކަމަނާ އަވަހާރަމިވީ ފިރިކަލުން ޕްރިންސް ފިލިޕް އުމުރުފުޅުން 99 އަހަރުގައި އަވަހާރަވިތާ އެއް އަހަރާއި ހަތަރު މަހާއި ނަވާވީސް ދުވަސް ފަހުންނެވެ. އެކަމަނާގެ ރަނިކަން ދެމިއޮތީ 70 އަހަރާއި 7 މަހަށެވެ. އިނގިރޭސިވިލާތުގެ މުޅި ތާރީޚުގައިވެސް ތަޚުތުގައި އެންމެ ގިނަދުވަސް ހޭދަކުރެއްވީ އެލިޒަބަތު ދެވަނައެވެ. އެކަމަނާގެ ރަނިކަމުގެ ދައުރުގައި ޖުމްލަ ފަނަރަ ބޮޑުވަޒީރުން އިނގިރޭސިވިލާތުގެ ވެރިކަން ކުރައްވައިފިއެވެ. ލިސްޓު ފެށެނީ ވިންސްޓަން ޗާރޗިލްއާ ހަމައިންނެވެ. ނިމެނީ ލިޒް ޓްރަސްއާ ހަމައިންނެވެ. އެކަމަނާގެ އަސްލު ނަންފުޅަކީ އެލިޒަބަތު އެލެގްޒަންޑްރާ މޭރީއެވެ. އުފަންވެވަޑައިގަތީ ލަންޑަނުގައި 21 އެޕްރީލް 1926 ގައެވެ.

ރާނީގެ އަވަހާރަވުން ބައިނަލްއަގުވާމީ ކަމަކަށްވުރެ ބޮޑަށް އަޅުގަނޑަށް ފެންނަނީ ދިވެހީންނާވެސް ގުޅުންހުރި ހިތާމައެއްގެ ގޮތުގައެވެ. ތަފާތު ދެތިން ސަބަބަކާލައިގެންނެވެ. ރާނީގެ ބަފައިކަލުން ކިންގް ޖޯޖް ހަވަނަ އަވަހާރަވެގެން އޮޓޮމެޓިކުން އެކަމަނާއަށް ތަޚުތު ވާރުތަވީ 6 ފެބްރުއަރީ 1952 ގައެވެ. އޭރު ދިވެހިރާއްޖެއަކީ އިނގިރޭސި ހުކޫމަތުގެ ދަށުގައި، އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމުގެ ސަބަބުން އިނގިރޭސި ތަޚުތަށް ޖަވާބުދާރީވާ ދައުލަތެކެވެ. އެގޮތުން ރާނީ އެލިޒަބަތުގެ ރަނިކަން 1952 ވަނަ އަހަރު ފެށިގެން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާ ހަމަޔަށް ދިވެހީންގެ ބޮޑު ރާނީއަކީވެސް ޖުމްލަ ތޭރަ އަހަރުގެ ދިގު މުއްދަތަކަށް އެލިޒަބަތު ދެވަނައެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ އެއްބަސްވުމުގައި ކޮޅުނބުގައި ހުންނެވި އިނގިރޭސި ސަފީރު ސޮއިކުރެއްވީ ރާނީ އެލިޒަބަތުގެ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. އެކަމަނާ ތަމްސީލު ކުރައްވާ ސަފީރުގެ ގޮތުންނެވެ.

ދިވެހީންގެ ވެސް ބޮޑު ރާނީއޭ އަޅުގަނޑު ލިޔުނީމާ ބައެއް ބޭފުޅުންނަށް އައިބު ވެދާނެއެވެ. އެ އައިބު ފިލުވައިލުމަށްޓަކައި ދެންވެސް ޖެހިލާން ޖެހެނީ ތާރީޚުގެ ތެރެއަށެވެ. ރާނީގެ ރަނިކަން ރަސްމީކޮށް ފެށުނީ ބޮޑު ރަސްމިއްޔާތެއް ބާއްވައި ނިކަން ކުލަގަދަ ހަރަކާތްތަކެއްގައި 2 ޖޫން 1953 ގައެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރީ ދައުރުގެ ތެރެއެވެ. ވެރިޔަކީ ނުވަތަ ރައީސަކީ އަތިރީގޭ މުހައްމަދު އަމީނެވެ. މުހައްމަދު އަމީނާއި އުއްތަމަ ފަނޑިޔާރު އަބްދު ﷲ ޖަލާލުއްދީނު، ޝައިޚުލް އިސްލާމް އިސްވެ ތިއްބަވައިގެން އެދުވަހު މާލޭގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވަވައި ރާނީ އެލިޒަބަތަށް ދިގު އުމުރުފުޅެއް މިންވަރު ކުރެއްވުމަށާއި އެކަމަނާގެ ރަނިކަން ދިގުދެންމެވުން އެދި ދުއާކުރުމެއްވެސް އޮތެވެ. ރަނގަޅު ސިއްހަތެއްގައި އެކަމަނާ ލެހެއްޓެވުން އެދި ދުއާކުރުންވެސް އޮތެވެ. މިމަގުން މިކަންކަން ކުރީ ދިވެހިރާއްޖެ އޮތީ ރާނީގެ ރަނިކަމުގެ ހިމާޔަތުގެ ދަށުގައި ކަމަށް ވުމުންނެވެ.

ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ދިވެހީންގެ ގައުމީ އެއްބައިވަންތަކަމަށް އެންމެ ބޮޑު ލޮޅުމެއް އިނގިރޭސީން އަރުވައިލީވެސް ދިވެހީންގެ ބޮޑު ރާނީ ކަމަށް ބަލައިގެން އެލިޒަބަތު ދެވަނައިގެ ހިމާޔަތުގެ ދަށުގައި ދިވެހީން ތިއްބައެވެ. މިދައްކަނީ 1958 ވަނަ އަހަރުން 1963 ވަނަ އަހަރާ ހަމަޔަށް ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުގައި ސުވާދީބުގެ ނަމުގައި އިނގިރޭސީންގެ ބާރުގައި ހިންގި ވަކިވެގަތުމުގެ ހަރަކާތުގެ ވާހަކައެވެ. އެއީވެސް ރާނީގެ ނަންފުޅުމަތީގައި އިނގިރޭސީން ހިންގި ކަމެކެވެ. ރާނީގެ ސިފައިން 29 މާރޗް 1976 ވަނަ ދުވަހާ ހަމަޔަށް އައްޑޫ ގަމާއި މާމެންދޫގައި ދެމިތިއްބެވެ. އެމީހުން ފޭބީމާ އެދުވަހަކީ ދިވެހިރާއްޖޭގެ ހަގީގީ މިނިވަން ދުވަސް ކަމަށް ބަލައިގެން 1977 އަދި 1978، މި ދެއަހަރު މިނިވަން ދުވަސް ފާހަގަ ކުރީވެސް 29 މާރޗްގައެވެ. އެހެންވީމާ އެދުވަހާ ހަމަޔަށް ދިވެހީން ތިބީ ކޮންމެވެސް އެއްގޮތަކުން ރާނީގެ ފަސްބައިގައި ބަނދެވިފައި ކަމަށް ބުނެވިދާނެއެވެ.

ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމުގެ ރާޅުބާނިތަކުން ދިވެހީންނަށް ނެއްޓިގަނެވުނީ 26 ޖުލައި 1965 ގައިތޯ، ނޫނީ 29 މާރޗް 1976 ގައިތޯ ކުރެވޭ ބަހުސްގެ ތެރެއަށް މިވަގުތު ވަންނާކަށް ނެތީމެވެ. އެއީ މިދަނޑިވަޅުގައި އަޅުގަނޑުގެ މައުޟޫއަކަށް ނުވާތީއެވެ. މައުޟޫއަކީ ރާނީއާއި ދިވެހީންގެ ގުޅުމެވެ. މި ގުޅުންތަކުގެ ތެރެއިން ދެން ފާހަގަކުރެވޭ އަނެއް ކަމަކީ 1972 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ރާނީ ކުރެެއްވި ދަތުރުފުޅެވެ. އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުން ވަނީ ބޭރުގެ އިއްޒަތްތެރިޔަކަށް ދިވެހިރާއްޖެއިން އޭގެ ކުރިންވެސް އަދި އޭގެފަހުންވެސް އަރުވާފައި ނުވާވަރުގެ ބޮޑު ޝަރަފަކާއި އިއްޒަތެއް އެކަމަނާއަށް އަރުވައިފައެވެ. ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމެވެ. ހަމަގައިމުވެސް ރާނީ ފިޔަވައި މި އިއްޒަތް ބޭރުގެ އެއްވެސް ބޭފުޅަކަށް އެރުވިފައެއް ނެތެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ މަތީ ދަރަޖައިގެ އިއްޒަތެވެ.

ރާނީއާއި ދިވެހީންގެ ރަސްމީ ގުޅުން ކެނޑުނުތާ މާގިނަ އަހަރުތަކެއްނުވެ ރައީސް މައުމޫނަށް 1982 ވަނަ އަހަރު ފެނިވަޑައިގެންނެވީ ދިވެހީން ދެންވެސް ތިބެންވާނީ ރާނީއާއި ގުޅިގެން ކަމުގައެވެ. އެހެންވެގެން އެ ޖަމާއަތެއްގެ އެންމެ އިސްވެރިޔަކަށް ރާނީ ހުންނަވާ ޖަމާއަތް ކަމުގައިވާ ކޮމަންވެލްތުގައި ރާއްޖެވަނީ 1982 ވަނަ އަހަރު ބައިވެރިވެފައެވެ. ރާނީގެ ޒައާމަތަށް އަލުން ތަބާވެފައެވެ. ރައީސް ޔާމީނު ކޮންމެވެސްކަމަކާ ހިތްޕުޅާ ނުވެގެން ރާނީއާއި ކޮމަންވެލްތަށް 2016 ވަނަ އަހަރު ފުރަގަސް ދެއްވާފައި ވަނިކޮށް އަނެއްކާވެސް ދިވެހިރާއްޖެ ވަނީ 1 ފެބްރުއަރީ 2020 ގައި ކޮމަންވެލްތުގައި ބައިވެރިވެފައެވެ. ކޮމަންވެލްތުގެ ނަން މިގެނައީ އެއީ ސީދާ ރާނީއަށް ނިސްބަތްވާ އަދި ރާނީގެ ޒައާމަތުގެ ދަށުގައި އޮންނަ ޖަމާއަތަކަށް ވުމުންނެވެ. މިކަންކަން މިހެން ހުރީމާ ރާނީއާއި ދިވެހީންގެ ގުޅުމަކީ ރާނީގެ 70 އަހަރާއި 7 މަހުގެ ދިގު ރަނިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ވެސް ދެމިގެން އައި ގުޅުމެކޭ ދަންނަވަން ޖެހެއެވެ.