މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މިނީ ބަސް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އޮންލައިން ނޫސް "ދިޔަރެސްގައި" މިއަދު ޝާއިއު ކުރި ރިޕޯޓެއްގައި ވަނީ، އެމްޓީސީސީން އެންމެ ފުރަތަމަ ގެންނަން އުޅުނީ އިލެކްޓްރިކް ބަސް ކަމަށެވެ. އެ ބަސްތައް ގެނައުމުގެ މަސައްކަތް ބިޑް ކުރުމެއް ނެތި ކުންފުންޏަކާ ހަވާލުކުރި ކަމަށެވެ. ނަމަވެސް ފަހުން އަގުހެޔޮކޮށް ޑީސަލް ބަސް ގެނެސްފައިވާ ކަމަށާއި އެ މުއާމަލާތުން ކޮރަޕްޝަންގެ ގޮތުގައި ބޮޑެތި އަދަދުތަކުން އެމްޓީސީސީގެ އިސްވެރިންނަށް ފައިސާ ލިބިނު ކަމަށް ދިޔަރެސްއިން ރިޕޯޓުކޮށްފައިވެއެވެ.
އެވާހަކަތައް ދޮގުކޮށް މިރޭ އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައްޔިތުންގެ އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ތައްޔާރުކޮށްފައިވާ ޕްލޭންތައް ތަންފީޒުކުރާ އެއް ކުންފުނީގެ ހައިސިއްޔަތުން، މިހަފުތާގައި އެ ކުންފުނިން ފެށި މިނީ ބަހުގެ ހިދުމަތަށް ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ކަމަށެވެ
"އެހެން ނަމަވެސް މިކަން ރައްޔިތުންނަށް އޮޅޭފަދަ ގޮތަކަށް އަދި މި ކުންފުނި ބަދުނާމު ކުރުމުގެ ނިޔަތުގައި ދިޔަރެސް ނޫހުގައި 8 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެއް،" އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، "ދިޔަރެސް" ނޫހުގައި އެފަދަ ހަގީގަތާ ހިލާފު ވާހަކައެއް ޝާއިއުކުރީ، އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލުވާލަން ކަމަށެވެ. އެކަމަކީ މިނިވަން ނޫސްވެރިކަމުގައި ރާއްޖެ ކުރިއަރަމުން އަންނައިރު، ހިންގި ނާތަހުޒީބު އަމަލެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
ދިޔަރެސް ނޫހުން ހަގީގަތާ ހިލާފު ވާހަކަތަކެއް ޝާއިއުކުރީ ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ މަގުސަދުގައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު