އިނގިރޭސިވިލާތުގެ ރާނީ އެލިޒެބަތު ދެވަނަ އަވަހާރަވެއްޖެއެވެ.

ބަކިންހަމް ޕެލަސް އިން ދެންމެ ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރާނީ އަވަހާރަވެފައި މިވަނީ އެކަމަނާގެ ޑޮކްޓަރުން މިއަދު ހެނދުނު ހެދި އިވެލުއޭޝަނަކަށް ފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ ސީރިއަސްވެ، މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. ޑޮކްޓަރުން ވަނީ މިއަދު ހެނދުނު ހެދި އިވެލުއޭޝަނަށްފަހު އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސްއެވެ. ބަކިންހަމް ޕެލަސްއިން ބުނިގޮތުގައި އެމަނިކުފާނު މާދަމާ ލަންޑަނަށް ވަޑައިގަންނަވާނެއެވެ.

ރާނީ އަވަހާރަވި އިރު، އެކަމަނާގެ ތިން ދަރިކަލުންނާއި ދަރިކަނބަލަކާއި މާމަ ވިދާޅުވާ އަށް ބޭފުޅުން އަދި މުނި މާމަ ވިދާޅުވާ 12 ބޭފުޅުން ތިއްބަވައެވެ. އެކަމަނާ އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރެވެ.

މީގެ 70 އަހަރު ކުރިން، އިނގިރޭސި ރަސްކަމުގެ ތަޚުތު އެލިޒަބަތު ދެވަނައަށް ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަވަނަ 6 ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.