ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި ވަރުގަދަ އަންހެނަކު ހުރެއެވެ. މިއީ 1900ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ބުނެއުޅޭ ބަހެކެވެ. އެންމެ ފުރަތަމަ މިބަސް ބޭނުންކުރީ ކާކުކަން ސާފެއް ނޫނެވެ. އެހެނަސް މިބަސް ބޭނުން ކުރެވެންފެށީ ކީއްވެގެންކަން ސާފެވެ. ކާމިޔާބު ފިރިހެނަކަށް ވެވެނީ އެމީހެއްގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ތިބެގެން ކުރާ ބުރަ މަސައްކަތުންނެވެ. މަންމައިންނެވެ. ދައްތައިންނެވެ. އަނބީންނެވެ. އެކަމަކު މިފަދަ އަންހެނުން ކޮށްދޭ މަސައްކަތާއި ވެފައިވާ ގުރުބާނީތަކެއް ނުފެނެއެވެ. ނޭނގެއެވެ. އެހެންވީމާ މިބަސް ބޭނުންކުރަން ފެށިފައިއޮތީ އަންހެނުންގެ ގުރުބާނީގެ އަގު ބޮޑުކަން ބަޔާންކުރުމަށެވެ. މިފަހަކަށް އައިސް މިބަސް ގިނައިން ބޭނުން ކުރެވެނީ ސިޔާސީ ލީޑަރުންގެ އަނބީންނަށް ނިސްބަތްކޮށްފައެވެ.
ރިޝްވަތު އަތުލުމާއި މަކަރާއި ޚިޔާނާތުގެ މައްސަލަތަކެއް ސާބިތުވެގެން މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް މެލޭޝިޔާގެ ކޯޓަކުން ވަނީ ހުސްވި ހަފުތާގައި އިއްވައިފައެވެ. މި ޚަބަރު ފެނުނީމާ ކުއްލިއަކަށް ހިތުގައި ޖެހުނެވެ. ކާމިޔާބު ބައެއް ލީޑަރުން ވެއްޓުމުގައިވެސް އަނބީންގެ ދައުރެއް އޮންނަނީތާއެވެ. އެހެނީ މެލޭޝިޔާގެ ވެރިކަން ނަޖީބު ރައްޒާގަށް 2018 ވަނަ އަހަރު ގެއްލުމުގައި އެންމެ ބޮޑުކަމަށް ފާހަގަ ކުރެވެނީ ރޮސްމާ މަންސޫރުގެ ދައުރެވެ. ރިޝްވަތު އަތުލައިގެން ބޮޑެތި ބިޔަ މަޝްރޫއުތައް އެކި ފަރާތްތަކާ ހަވާލުކުރުމުގައި ރޮސްމާގެ ނަން އޮންނަނީ މަޝްހޫރުވެފައެވެ. އެކަމާނަޔަށް ބައެއް ނޭޅޭގޮތަށް އެއްވެސް ކުންފުންޏަކަށް މަޝްރޫއެއް ލިބޭކަމަކަށްވެސް ނުވެއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.
އުމުރުން މިހާރު 70 އަހަރު ވެފައިވާ ރޮސްމާ މަންސޫރާމެދު މެލޭޝިޔާގައި ބުނެވެނީ އެއީ ރިޝްވަތުގެ މަންމަ ކަމުގައެވެ. އެހެން ކިޔަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ މިސާލެކެވެ. ސަރަވަކް ސްޓޭޓްގެ ސްކޫލްތަކަށް އިރުގެ އަލީން ހަކަތަ ފޯރުކޮށްދިނުމާބެހޭ މަޝްރޫއެއް ޖެޕަކް ހޯލްޑިންގޭ ކިޔުނު ކުންފުންޏަކާ ހަވާލުކުރެވުނީ ރޮސްމާގެ އެކައުންޓަށް ދެ މިލިޔަން ޑޮލަރު ޖަމާކޮށްދިނުމުންނެވެ. ސަރަވަކް ވިޔަސް، ޖޮހޯރު ވިޔަސް، ސެލަންގޯރު ވިޔަސް، ނެގްރީ ސެމްބިލަން ވިޔަސް އެއްވެސް ސްޓޭޓެއްގައި އެއްވެސް ބަޔަކަށް ސަރުކާރުގެ ކޮންޓްރެކްޓެއް ލިބެނީ އެ ކޮންޓްރެކްޓެއްގެ ފުރިހަމަ އަގުން މަދުވެގެން ދިހަ އިންސައްތަ ރޮސްމާއަށް ލިބޭ ގޮތަށެވެ. ރޮސްމާއަށް ބައެއް އަޅާން އެއްބަސްނުވާ ކުންފުންޏަކަށް ސަރުކާރުގެ ކޮންޓްރެކްޓެއް ނުލިބެއެވެ. ލިބޭކަމަކަށް ނުވެއެވެ.
ސަރުކާރުގެ ކޮންޓްރެކްޓްތަކުން "ކަޓް" ނެންގެވުމުގެ އިތުރަށް އަދި އެހެން ކަމެއްވެސް ރޮސްމާ މަންސޫރު ކުރެެއްވިއެވެ. މެލޭޝިޔާގައި ބިދޭސީ މަހުޖަނަކު ނުވަތަ އެފަދަ މީހެއްގެ ދަރިޔަކު ކުށްވެރިވެގެން ޖަލަށްދާން ޖެހިއްޖެނަމަ ސަލާމަތުގެ އައްސޭރިޔަކީ ރޮސްމާ މަންސޫރެވެ. އެކަމަށް ސިއްރު ހޮޓްލައިނެއްވެސް ގާއިމްކުރެވިފައިވާ ކަމަށް ބުނެވެއެވެ. ރޮސްމާ އަންގަވާ އަދަދެއް އެކަމަނާގެ ކޮންމެވެސް އެކައުންޓަކަށް ޖަމާކޮށްދިނީމާ ސަލާމަތްވީއެވެ. ބައެއް ފަހަރަށް އެމެރިކާ ފަދަ ގައުމުތަކުން ހައްޔަރުކުރަން ބޭނުންވާ ބޮޑެތި ކުށްވެރިން އެމެރިކާއަށް ޑީޕޯޓްކުރަން ޖެހުނީމާ އެފަދަ މީހުން އަތުން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވައިގެން އެމީހުން ފިލުމަށް ރޮސްމާ އެހީތެރިވެވަޑައިގަންނަވައެވެ. ރޮސްމާގެ މި އުކުޅު ކޮޕީ ކުރައްވައިގެން ހަމަ މިގޮތަށް މުއްސަނދިވާން ތިންވަނަ ދުނިޔޭގެ ބައެެއް ގައުމުތަކުގެ ވެރީންގެ އަނބީން މަސައްކަތް ކުރެއްވިއެވެ.
ނަންވާނީ ގިނަފަހަރަށް ވެރިކަމުގައި ހުންނަ މީހާއެވެ. ކޮރަޕްޓް އަނބީންގެ ވާހަކަ މާގިނަބަޔަކު ނުދައްކާނެއެވެ. އެކަމަކު ރޮސްމާ ތަފާތެވެ. ނަޖީބު ރައްޒާގާއި އެއްވަރަކަށް ނުވަތަ އެއަށްވުރެވެސް ގިނައިން ރޮސްމާގެ ވާހަކަ މީހުން ދައްކައެވެ. އެހެންވެގެންކަމަށްވެސް ވެދާނެއެވެ. ރޮސްމާއަކީ މެލޭޝިޔާގެ ވެރިކަން ކުރެއްވި ބޭފުޅުންގެ އަނބި އަނބީންގެ ތެރެއިން ޖަލުގެ ހުކުމެއް އިއްވުނު ފުރަތަމަ ބޭފުޅާއެވެ. އެހެން އެވީ ކެވުނު ތަކެތި ހަމަ ގިނަވީމައެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށް ނަޒަރު ހިންގައިލާއިރު ރޮސްމާޔާއި އެއް ލީގެއްގައި ވާދަކުރެއްވި އަދި ވާދަކުރައްވާ އެހެން މަހާރެހެންދިންވެސް ފެނެއެވެ. ތަންކޮޅެއް ކުރިޔަށް ޖެހިލާއިރު ފިލިޕީންސްގެ ފާޑިނާންޑް މާކޯސްގެ އަނބިކަނބަލުން އިމެލްޑާ މާކޯސްއެވެ. ޓިއުނީޝިޔާގެ ޒައިނަލް އާބިދީން ބިން އަލީގެ އަނބިކަނބަލުން ލައިލާ އަލީއެވެ. ޒިމްބާބުވޭގެ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއެވެ.
ދިވެހީންގެ ތެރޭގައި ވަރަށް އާއްމު މިސާލުބަހެއް އޮވެއެވެ. ވެނުމަސް ވެނަށް ކާންދިނުމެވެ. މިއީ މީހެއްގެ އެއްޗެއް އެމީހަކަށް ނާންގައި، އެހެން މީހެއްގެ އެއްޗެއްގެ ގޮތުގައި އެމީހަކަށް ކާންދިނުމަށް ބުނެ އުޅޭ ބަހެކެވެ. ކުރީން ދެންނެވި ފާޑުގެ ކޮރަޕްޓް ބޭފުޅުން ހަމަ ފިއްޔެއްވެސް ތަފާތު ނުކުރައްވައި ވެނުމަސް ވެނަށް ކާންދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ. ރައްޔިތުންގެ ޖީބުން ވައްކަންކުރައްވައި ހަމަ އެފައިސާއިން ބައެއް ޚައިރާތުގެ ނަމުގައި ބައްސަވައެވެ. އެކިކަހަލަ މޮޅު ނަންނަމުގައި ފައުންޑޭޝަންތައް ހައްދަވައިގެންނެވެ. ރޮސްމާ މަންސޫރުވެސް ވަރަށް ފުޅާކޮށް މިކަން ކުރެއްވިއެވެ. އެހެންވީމާ ހިތުގެ އަޑީން އެކަމަނާއަށް ތާއީދުކުރާ ނިކަމެތީން މަދެއް ނޫނެވެ. ވަރަށް ގިނައެވެ. ނިކަމެތީންގެ ހާލު ބައްލަވާ ނިޔަނެތި، ދީލަތި ބޭފުޅެއްކަމަށް ހީކޮށްގެންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ