ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސްމްބްލީ، އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ އެކު ބޭއްވި ބައްދަލުވުމުގައި ވަދާއީ ހަދިޔާއެއްގެ ގޮތުގައި ޝާހިދު އޭނާއަށް ދިވެހި ބޮޑުބެރެއް ދެއްވައިފިއެވެ.
ޝާހިދު، އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ދައުރު ހަމަވާން ކައިރިވެފައިވާތީ އިއްޔެ ޝާހިދު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއާ އެކު ވަދާއީ ބައްދަލުވުމެއް ބާއްވަވައިފައެވެ.
އެ ބައްދަލުވުމުގައި ވަދާއީ ހަދިޔާއެއްގެ ގޮތުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްއަށް ޝާހިދު ވަނީ ބޮޑުބެރެއް އަރުއްވައިފައެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ޝާހިދު އިންތިހާބުވެވަޑައިގެންނެވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއީ ރަސޫލާއި ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ. ޝާހިދުއަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު ޑރ. ޒަލްމާއީ ލިބިވަޑައިގަތީ 48 ވޯޓެވެ.
ޝާހިދުއަކީ ދުނިޔޭގެ ފެންވަރުގެ މަޖިލީހެއްގައި އެހާ އިސްމާގަމެއް އަދާކުރެއްވި ފުރަތަމަ ދިވެއްސެވެ.
މިދިއަ އަހަރު އެ މަގަމާ ހަވާލުވެވަޑައިގަތުމާއެކު ޝާހިދު ވަނީ އޭނާގެ ރިޔާސަތަށް "ޕްރެސިޑެންސީ ފޯ ހޮޕް"ގެ ނަމުން ނަންދެއްވައި ތަސައްވުރެއް އެކުލަވައިލައްވައިފައެވެ. އެ ތަސައްވުރުގައި ހިމެނެނީ ކޮވިޑް19 އިން އަރައިގަތުމާއި ދެމެހެއްޓެނިވި ގޮތުގައި އާރާސްތުކުރުމާއި ދުނިޔޭގެ ބޭނުންތަކަށް އިޖާބަދިނުމެވެ. އަދި އެންމެންގެ ހައްގުތަކަށް އިހުތިރާމްކުރުމާއި އދ. ރީފޯމް ކުރުމެވެ.
ޝާހިދުއަށް ފަހު އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ޖޫންމަހު އެ މަގާމަށް އިންތިހާބުވެވަޑައިގަތް ހަންގޭރީގެ ރައީސް އޮފީހުގެ ދެމެހެއްޓެނިވި ތިމާވެއްޓާ ބެހޭ ޑިރެކްޓަރު ސާބާ ކޮރޯސީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު