ގާނޫނުތަކާ ހިލާފު ނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ނުހެދޭ ގޮތަށް އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބުލި މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 53 މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބިލު ބަލައިނުގަތުމަށް 40 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް 26 މެންބަރުންގެ ވޯޓު ބޭނުންވެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ބިލުގެ ނަމުގައި ހުށަހެޅި އެ ބިލުގައި ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ހިމެނުމަށްފަހު ސުލްހަވެރި ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ނުހެދޭނެ ކަމަށް ހުށަހާޅާފައިވަނީ އިސްތިސްނާގެ ގޮތުގައެވެ.
ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތައް ހިމަނާފައިވަނީ އެ ބިލުގެ ހަތަރު ވަނަ މާއްދާގައެވެ. ފަނަރަ ކަމެއް ހިމެނޭ އެ މާއްދާގައި ބުނެފައިވަނީ އިސްލާމް ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި ރާއްޖޭގެ ގާނޫނުއަސާއާއި ރައްޔިތުންގެ އަސާސީ ހައްގުތަކާއި އަދުލު އިންސާފާއި ރާއްޖޭގެ އިގުތިސާދާއި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތަކާއި ރައްޖޭގެ ތިމާވެއްޓާއި އަދި ސިޔާސީ މަސްލަހަތުތަކަށް ނިކަމެތިކަން ނުވަތަ އުނިކަން ލިބޭ ފަދަ ކަމެއް ކުރުން ނުވަތަ ކުރިމަތިވުމަކީ ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށެވެ.
ގައުމީ ސަލާމަށް ނުރައްކާވާ ކަމަށް ބިލުގައި ހިމަނާފައިވާ ކަންތައްތައް:
- ރައްޔިތުންގެ ޖިސްމަށް ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންވާ ފަދަ ކަމެއް ކުރިމަތިވުން ނުވަތަ ރާއްޖޭގެ ގިނަ ބަޔަކަށް ބަލިމަޑުކަމެއް ނުވަތަ ކާރިސާއެއް ކުރިމަތިވުން
- ޓެރަރިޒަމްގެ އަމަލެއް ނުވަތަ ޓެރަރިސްޓް ހަމަލާއެއް ދިނުން ނުވަތަ ހަމަލާއެއް ދިނުމަށް ރޭވުން ނުވަތަ ސައިބާ ސެކިޔުރިޓީ މެދުވެރިކޮށް ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުން
- އެއްވެސް ހާލަތެއްގައި ސަރުކާރުގެ ހުއްދަނެތި، ބޭރުގެ ހަނގުރާމަވެރި އުޅަނދެއް ރާއްޖޭގެ ސަރަޙައްދަށް ވަނުން
- ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް، ގާނޫނާ ހިލާފަށް، ބަދަލު ކުރުމަށް މަސައްކަތްކުރުން ނުވަތަ ބަޣާވާތް ކުރުން ނުވަތަ ބަގާވާތް ކުރުމަށް ރޭވުން
- ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުން ނުވަތަ ބޭރު ގައުމެއްގެ ސިޔާސީ ނުވަތަ އިގުތިސާދީ ނުވަތަ އަސްކަރީ ބާރުގެ ދަށަށް ނުވަތަ ނުފޫޒުގެ ދަށަށް ރާއްޖޭގެ ސިޔާދަތީ ބާރުތައް ދިއުން
- އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ތައާރަޒުވާ ފިކުރަށް ދިވެހިން ވެއްދުމަށް ނުވަތަ ލެނބުމަށް މަސައްކަތްކުރުން ނުވަތަ ދިވެހި ރާއްޖޭގައި ބައިބައިވުން އުފެއްދުން ނުވަތަ ދިވެހި ރާއްޖޭގައި ބައިބައިވުން އުފެއްދުމަށް މަސައްކަތް ކުރުން
- އެއްވެސް ފަރާތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ހަނގުރާމަވެރި އުޅަނދާއި ހަތިޔާރު ރާއްޖެ އެތެރެކުރުން ނުވަތަ އެފަދަ ތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރުން
- ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމަށް ބެލެވޭ މައުލޫމާތު އާންމުކުރުން ނުވަތަ ސިއްރިއްޔާތުގައި އެފަދަ މައުލޫމާތު ދިނުން ނުވަތަ ހޯދަން މަސައްކަތް ކުރުން ނުވަތަ ޖާސޫސް ކުރުން
- ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި އެތަންތަނުގެ ވެރިންނާ ދެކޮޅަށް ނުވަތަ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގުން ނުވަތަ ހިންގަން ރޭވުން
- ދައުލަތުގެ އެއްވެސް މަގާމެއްގައި ނުވަތަ ވަޒީފާއެއްގައި ތިބި ބަޔަކު ދިވެހި ދައުލަތާ އިދިކޮޅަށް ޖަމާއަތެއްގެ ގޮތުގައި މަސައްކަތް ކުރުން
- ރައްޔިތުންގެ މަޖިލީހުން ރުހުންދޭ މުއްދަތެއްގައި މެނުވީ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުވަތަ އަސްކަރީ ބަޔަކު ރާއްޖޭގައި ތިބުން ނުވަތަ އުޅަނދެއް ރާއްޖޭގެ ސަރަހައްދުގައި އޮތުން
- ރާއްޖޭގެ ރައްޔިތުން ބައިވެރިވާ އިންތިހާބެއްގެ ނަތީޖާ އޮޅުވާލުން ނުވަތަ ނަތީޖާއާމެދު ޝައްކު އުފެދޭ ހާލަތެއް މެދުވެރިވުން
- ރާއްޖެ ދަރަނިވެރިވެ، ދަރަނި ދެއްކޭނެ ގޮތެއް ނެތުން ނުވަތަ މާލީގޮތުން ބަނގުރޫޓުވުން
- ރާއްޖޭގެ ބޮޑު ސަރަހައްދަކުން ގިނަ ބަޔަކަށް ފެން ނުވަތަ ކަރަންޓް ނުވަތަ ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް މެދުކެނޑުން ނުވަތަ ކާބޯތަކެތި ނުލިބުން
ނަމަވެސް ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތަކުގެ ދަށުން، އެކި ކަންކަމަށް އިހުތިޖާޖުކުރުމަށް ގާނޫނުތަކާ ހިލާފު ނުވެ ހިންގާ ސުލްހަވެރި ހަރަކާތްތައް ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ތެރެއިން އިސްތިސްނާ ވާނެ ކަމަށާއި ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ކަމަކާ ބެހޭގޮތުން މީޑިއާއިން މައުލޫމާތު ހޯދުމަކީ ޖާސޫސްކުރުން ކަމުގައި ނުބެލެވޭނެ ކަމަށް އިސްތިސްނާގެ ގޮތުގައި ބިލުގައި ވަނީ ހިމަނައިފައެވެ.
ގައުމީ ސަލާމަތާބެހޭ އާ ކައުންސިލެއް އެކުލަވައިލުމަށްވެސް ބިލުުގައި ވަނީ ހިމަނައިފައެވެ. އެ ކައުންސިލް އެކުލަވާލާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބުނެފައިވެއެވެ.
ގައުމީ ސަލާމަތާބެހޭ ކައުންސިލް، ބިލުގައި އެކުލެވިފައިވާ ގޮތް:
- ރައީސުލްޖުމްހޫރިއްޔާ
- ރައީސުލްޖުމްހޫރިއްޔާގެ ނައިބު
- މިނިސްޓާ އޮފް ޑިފެންސް
- މިނިސްޓާ އޮފް ފޮރިން އެފެއާޒް
- މިނިސްޓާ އޮފް ހޯމް އެފެއާޒް
- ދައުލަތުގެ ބަންޑާރަނައިބު
- މިނިސްޓާ އޮފް ފައިނޭންސް
- ޕްރޮސިކިޔުޓާ ޖެނެރަލް
- ޗީފް އޮފް ޑިފެންސް ފޯސް
- ކޮމިޝަނާ އޮފް ޕޮލިސް
- ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާ
- ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮިޓީގެ މުގައްރިރު
- ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންތަރުގެ ޑިރެކްޓާ ޖެނެރަލް
ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް އަމަލެއް ހިންގުމަކީ ނުވަތަ ހިންގަން އުޅުމަކީ ގާނޫނީ ކުށެއް ކަމަށާއި އަދަބަކީ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ގައުމީ ސަލާމަތަށް ނުރައްކާވެދާނެ މައުލޫމާތެއް އެނގިހުރެ، އެ މައުލޫމާތު ގައުމީ ސަލާމަތާބެހޭ ކައުންސިލަށް ނުވަތަ ސަލާމަތީ ހިދުމަތްތަކަށް ނުދިނުމަކީ ކުށެއް ކަމަށާއި ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއްގައި ޖާސޫސް ކުރުމަކީ އަދި ޖާސޫސުކުރުމަށް އެހީތެރިވެދިނުމަކީ ކުށެއް ކަމަށް ކަނޑައަޅައި އަދަބަކީ އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށްވެސް ހިމަނާފައިވެއެވެ.