މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި، އެފަދަ ކަންކަން ރިޕޯޓު ކުރުމުން އަވަހަށް ފިޔަވަޅުއަޅައި، ރައްޔިތުންނާއި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުތައް ތަންފީޒު ކުރުން ހަރުދަނާ ކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ބޭރު ކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، މީހުން މެރުމާއި މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާ ގުޅިގެން މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމށެވެ.

ކުށްކުރާ މީހުން މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއެކު އުޅެމުންދާ އިރު ފިޔަވަޅު ނޭޅުމުގެ ސަބަބުން ބައެއް ސިޓީތަކާއި ރަށްރަށް ހަލާކުގެ ތެރެއަށް ވެއްޓި، ހާއްސަކޮށް އައްޑޫ ސީޓީގައި މަސްތުވާތަކެތީގެ މައްސަލަ އާއި އެކަމާ ގުޅިގެން ހިންގާ މާރާމާރީއާއި ވައްކަން އިންތިހާއަށް އިތުރުވެ ރައްޔިތުން ގޮތް ހުސްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަންތައްތަކަށް އެކަށޭނަ ހައްލެއް ހޯދައިދެވިފައި ނުވާތީއާއި ކުށް ކުރާ ބައެއް މީހުންނަށް އަދަބު ނުދިނުމާއި އެފަދަ މީހުންގެ މައްޗަށް ގާނޫނު ނުހިންގުމާއި ރައްޔިތުންގެ އާއްމު މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ވަގުތުން އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، އާއްމު ފަރާތްތަކުން ކުށްކުރާ ފަރާތްތަކަށް އަނިޔާކޮށް، ގަންހިންގުން ފަދަ ކަންކަން އާއްމުވަމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން މުޖުތަމައުގައި ކުށްކުރުން މަދުކުރުމަށާއި، ކުށްކުރުން ހުއްޓުވުމަށާއި ކުށްކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމާއި، އެފަދަ ކަންކަން ރިޕޯޓު ކުރެވުމުން އަވަހަށް ފިޔަވަޅުއެޅުމަށް ވަނީ ގޮވާލައިފައެވެ.

މި މައްސަލައަށް ބަހުސް ކުރުމަށް ފެނެތޯ ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 40 މެންބަރުންގެ ތެރެއިން މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ. 25 މެންބަރުން ވޯޓު ދެއްވީ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ.