ބަޖެޓްގެ ދަރަނި ފޫބެއްދުމަށް އަދި 100 މިލިއަން ޑޮލަރު ދަރަންޏަށް ހޯދަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މި ސެޕްޓެމްބަރު މަހާއި އަންނަ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހު ދައުލަތުގެ ދަރަނި އަދާކުރުމަށް ހަރަދުކުރާ މިންވަރާބެހޭގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ރާއްޖޭން ބޭރުގެ ފަރާތްތަކުން ހޯދަން ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ލިބުނީ 100 މިލިޔަން ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ. ދަރަނި ފޫބައްދަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ދަރަނީގެ ތަފްސީލުތަކާބެހޭގޮތުން މެންބަރު އިލިޔާސް ކުރެއްވި ސުވާލަށް، މިނިސްޓަރު ވިދާޅުވީ، އެއްވެސް އެއްޗެއް ފޮރުވުމުގެ ވިސްނުމެއް ނެތް ކަމަށާއި، ދައުލަތުގެ ދަރަނީގެ ތަފްސީލުތައް އަހަރަކު ދެފަހަރު އެ މިނިސްޓްރީން އާއްމު ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ ދެވަނަ ބުލެޓިން ކުރިއަށް އޮތް ދުވަސްތަކުގައި އާއްމު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު