ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ނޫންގޮތަކަށް، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައި ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްލުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިނިސްޓަރުގެ ހައިސިއްޔަތުން ލަފާއަރުވާފައި ވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު އާޒިމް ވިދާޅުވީ، ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަނުމަކީ ވިޔަފާރިވެރިންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކީވެސް ސަރުކާރުން ވިޔަފާރީގެ ތެރެއަށް ނުވަނުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަކީ، ވަޒީރުގެ މަސައްކަތުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ގާނޫނުއަސަސީގައި ބުނާއިރު، "ސަރުކާރުގެ ވިޔަފާރި ކުންފުނިތައް ނިންމާލުން، ނޫނީ ނެތިކޮށްލުން، ނޫނީ ވުޖޫދުން ފޮހެލައިފަ ސީދާ ވިޔަފާރިވެރިންނަށް އެފުރުސަަތުދިނުމަށް،" އެއްވެސް ވަރަކަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވިންތޯ އަލީ އާޒިމް ސުވާލު ކުރެއްވިއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތައް ހެދިފައި ވަނީ ވަކި މަގުސަދުތަކެއްގައި ކަމަށެވެ.
އެގޮތުން އެ ކުންފުނިތަކަކީ، ޕްރައިވެޓް ސެކްޓާއަށް ނުކުރެވޭ ފަދަ ވިޔަފާރި ކޮށް ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ ކުންފުނިތައް ހެދިފައި މިހުންނަނީ ވަކި މަގުސަދުތަކެއްގައި، ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި، އެއީ ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލައިފިއްޔާ ޕްރައިވެޓް ސެކްޓާއިން ނުކުރެވޭނެފަދަ ވިޔަފާރިތައް ކުރުމަށްޓަކައި، ރައްޔިތުންނަށް އޭގެ މަންފާ ކޮންމެވެސް ގޮތަކަށް ލިބޭނެ ކުންފުނިތަކެއް ނޫނީ ސަރުކާރުގެ ކުންފުނިތަކުގެ ގޮތުގައި ނުހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުގެ ކުންފުނިތަކުން ކުރަން ޖެހޭނީ އަމިއްލަ ކުންފުނިތަކަށް ނުކުރެވޭ ފަދަ ވިޔަފާރިތައް ކަމަށާއި، ސަރުކާރުގެ ޓާގެޓަކީ މިހާރުވެސް އެގޮތަށް ކުރިއަށް ދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު