އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވަމުންދާތީ އެ ސިޓީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ބުނީ، ބެންގަލޫރުގައި ބައެއް ހިސާބުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. މާދަމާ ވެސް ބެންގަލޫރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް ދިވެހިންނަށް އަސަރުކޮށްފައިވޭތޯ އާއި އެމީހުންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީ ބުނީ، ހައި ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގުޅަމުންދާ ކަމަށާއި ހުރިހާ ފަރާތްތަކުންވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ހާލަތެއް ދިމާވެއްޖެ ނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު