މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރެބް އަތުން ބަލިވި އިރު، ޑޯޓުމަންޑުން ކުޅުނު މެޗުގައި އެފްސީ ކޯޕަންހޭގަން އަތުން ފުރިހަމަ މޮޅެއް ހޯދައިފިއެވެ.
މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް އަތުން ބަލިވި ޗެލްސީން ކްރޮއޭޝިއާގައި މިރޭ ކުޅުނު ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރެބް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. 2020-21 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން މިރޭ އަތްދަށުވެފައި ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޕްލޭ އޮފްއިން ކޮލިފައިވި ޓީމެއްގެ އަތުންނެވެ.
ޗެލްސީން ނިމިދިޔަ ޓްރާންސްފާ މާކެޓްގައި ގާތްގަނޑަކަށް 225 މިލިއަން ޕައުންޑް ހަރަދުކޮށް ޓީމަށް ގިނަ ކުޅުންތެރިންތަކެއް ގެންގޮސްފައިވާ އިރު، މިރޭގެ މެޗުގައި އަލަށް ގެންދިޔަ ފޯވަޑް ޕިއޭ އެމްރިކް އަބަމަޔާން ކުޅެފައިވެއެވެ. މިރޭގެ މެޗަކީ އަބަމަޔާން ޗެލްސީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ. ޗެލްސީން މެޗަށް ނުކުތީ ތިއާގޯ ސިިލްވާ އާއި ގޯލްކީޕަރު އެޑުއާޑް މެންޑީ ފުރަތަމަ 11 ގައި ނުހިމަނައެވެ. މެންޑީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ހުރިއިރު، ސިލްވާއަށް ކޯޗު ތޯމަސް ޓުޗެލް ވަނީ ރެސްޓް ދީފައެވެ. މެންޑީގެ ބަދަލުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ ކެޕާ އަރީޒާބަލާގާއެވެ.
މެޗުގެ ކުރީކޮޅުގައި ޗެލްސީއަށް ގޯލު ޖަހާނެ ފުރުސުތައް ލިބި ބޭކާރުވިއެވެ. އަބަމަޔާން އާއި ކައި ހަވާޓްސްއަށް ލިބުނު ފުރުސަތުތައް ބޭކާރުވެގެން ދިޔަ އިރު، މޭސަން މައުންޓަށް ލިބުނު ފުރުސަތުވެސް އޭނާ އަތުން ގެއްލިގެން ދިޔައެވެ. ޑައިނަމޯ ޒަގްރަބުން ޗެލްސީ ކޮޅަށް ގޯލު ޖެހީ 13 ވަނަ މިނެޓުގައި އުފެއްދި ހަލުވި ކައުންޓާ އެޓޭކެއްގައެވެ.
ޗެލްސީގެ ޑިފެންސް ލައިން ކުރިއަށް ޖެހި އޮތް ވަގުތެއްގައި މުޅިން ހުސްކޮށް ލިބުނު ބޯޅައިގައި މެދު ރޮނގާހަމައިން ދުވެފައި ގޮސް، ޑައިނަމޯގެ ހަމައެކަނި ގޯލު ޖެހީ މިސްލާވް އޯސިޗެވެ. އޭނާ ޗެލްސީ ޑިފެންޑަރު ވެސްލޭ ފޮފާނާ ކައިރިން ގޮސް، އޭނާ ގޯލަށް ބޯޅަ ވައްދާލީ ކެޕާ ބޯމަތިން ޗިޕެއް ޖަހައިގެންނެވެ.
ޗެލްސީން ދެވަނަ ހާފުގައިވެސް ގޯލަކަށް ބުރަކޮށް މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ. އެޓީމުން ކުރިއަށް ޖެހި ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ޑައިނަމޯގެ ފަރާތުން ފުރިހަމަ ޑިފެންސިވް ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މިރޭ ގްރޫޕް ޖީގައި ޑޯޓުމަންޓުން އަމިއްލަ ދަނޑުގައި އެފްސީ ކޯޕަންހޭގަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މާކޯ ރޫސް އާއި ރަފޭލް ގަރޭރޯ ޖެހި ގޯލުތަކުން ޑޯޓުމަންޑު 2-0 ގެ ލީޑެއް ނެގި އިރު، އެޓީމުގެ ތިންވަނަ ގޯލު 83 ވަނަ މިނެޓުގައި ޖަހައިދިނީ ޖޫޑް ބެލިންހަމްއެވެ.
މެޗުގެ ފަހު ކޮޅުގައި ރަސްމުސް ފާކް ފޮނުވާލި ބޯޅައެއް ގޯލަށް ވަން ނަމަވެސް އެ ބޯޅައަށް މަސައްކަތް ކުރި އިރު، އޭނާ އޮފްސައިޑް މަގާމެއްގައި ހުރުމުން ވީއޭއާރް އެހީގައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު