ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީން މިއަދު ތިބީ ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ނުރައްކާތެރި އޮއިވަރެއްގައި ޖެހިފައި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޖަލުތަކުގައި ތިބި ގައިދީން ހަރުކަށި ފިކުރާއި މަސްތުވާތަކެތީގެ ފިކުރުގައި ޖައްސާފައިވާ ކަމަށާއި އެކަން ހާމަވެފައިވަނީ ސަރުކާރުން އެދިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާއިން ކަމަށެވެ.
"ގާއިދީން މިއަދު ތިބީ ވަރަށް ނުރައްކާތެރި ދެ އޮއިވަރެއްގައި ޖެހިފައިކަން. އެއް ކަމަކީ، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ގައިދީންގެ ނުފޫޒު. އަނެއް ކަމަކީ ދީނީ ހަރުކަށި ފިކުރުގައި ގައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރު. މިއީ ހަމައެކަނި ޖަލުގައެއް ނޫން، މުޅި މުޖުތަމައުގެ ތެރޭގައި މޫލައި ފެތުރެމުންދާ ނުރައްކާތެރި ދެ މައްސަލަ،" ރައީސް ވިދާޅުވިއެވެ.
ހަރުކަށި ފުކުރުމުގެ މައްސަލަ ހަރުކުރަން އެ ފިކުރުގެ ހުރިހާ މީހުން ހައްޔަރުކުރުމުން މައްސަލަ ހައްލުނުވާނެ ކަމަށާއި އެފަދަ މައްސަލަތައް ހައްލުކުރެވޭނީ ކަމާގުޅުން ހުރި ޕްރޮގްރާމްތައް ހިންގައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މާފުށި ޖަލުގައި 100 މީހުންގެ ޖާގައިގެ ޔުނިޓެއް ގާއިމްކޮށްފައިވާ ކަަމަށާއި ވަރަށް އަވަހަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ފެށިގެންދާނެ ކަމަށެވެ.
ގައިދީން އަނބުރާ މުޖުތަމައަށް ނެރުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ޕެރޯލްގެ ނިޒާމު ހަރުދަނާކުރަން ޖެހިވަޑައިގަންނަވާކަން ގަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެންނެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުށްވެރިން ކިތަންމެ ވަރަކަށް ޖަލަށްލިޔަސް މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓޭނީ އެ މީހުންނަށް ބޭނުންވާ ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގައިގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ބޮޑު ކުށެއްގެ މައްސަލައެއްގައި ބަންދުކޮށްފައި ހުންނަ މީހާގެ އަސާސީ ހައްގުތަކާއި އިންސާނީ ކަރާމާތް ގެއްލިގެންދާފަދަ ގޮތަކަށް އަމަލުކޮށްގެން ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު