މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ށ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން އެކެއްގެ ށ. އަތޮޅުގެ " ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތް" ކަނޑައަޅާފައިވާ އަގުތަކުގައި މިއަދު ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ށ. އަތޮޅުގައި އާރްޓީއެލްގެ ފެރީގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، ހަތަރު ސްޕީޑް ފެރީ މެދުވެރިކޮށް ހަތް ރޫޓަކުން ލިބެން ހުންނާނެކަމަށް އެމްޓީސީސީން ބުންޏެވެ.
- ށ. ބިލެއްފަހި – ހދ. ކުޅުދުއްފުށ ( ރޫޓް S2V1 )
- ށ. ބިލެއްފަހި – ށ. ފުނަދޫ ( ރޫޓް S2V1 )
- ށ. ނޫމަރާ – ށ. ބިލެއްފަހިނޫމަރާ ( ރޫޓް S2C5 )
- ށ. ކަނޑިތީމު – ށ. ބިލެއްފަހި ( ރޫޓް S2C1 )
- ށ. ފީވައް – ށ. ފުނަދޫ ( ރޫޓް S2C2 )
- ށ. ފުނަދޫ – ހދ. ކުޅުދުއްފުށި ( ރޫޓް H2 )
- ށ. މަރޮށި – ށ. ފުނަދޫ ( ރޫޓް S2C4 )
"ށ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު، މި މުހިންމު މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޒޯން އެކެއްގެ ތިން އަތޮޅުކަމަށްވާ ހދ. ހއ. އަދި ށ. އަތޮޅުގެ ރައްޔިތުންނަށް އާރްޓީއެލް ފެރީގެ ހިދުމަތް ލިބިގެންދިއުމަކީ މިކުންފުންޏަށް ލިބޭ ވަރަށްބޮޑު ފަހުރަކާއި ކާމިޔާބީއެކެވެ." އެމްޓީސީސީން ބުންޏެވެ.
މިއަދުން ފެށިގެން އަގުނަގައިގެން ދަތުކުރާ ގޮތަށް ހަމަޖެހުނަސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ދަފުތަރުގައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މިއަދުން ފެށިގެން ކައުންސިލުގެ ބަދަލުގައި ފެރީގެ ޖާގަ ދޫކުރާނީ އެ ކުންފުނިން ކަމަށެވެ. އަދި މިއަދުން ފަށައިގެން ޓިކެޓު ގަތުމަށް ބޭނުން ކުރަންވާނީ އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕް ކަމަށް އެމްޓީސީސީން ބުންޏެވެ.
އާރްޓީއެލްގެ ފެރީގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ށ. އަތޮޅަށް ފެރީތައް ފޮނުވާފައިވަނީ މިދިއަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެމްޓީސީސީން ވަނީ އެ އަތޮޅުގައި ފެރީގެ ހިދުމަތް ހިލޭ ދީފައެވެ. އެމްޓީސީސީން ބުނީ، ފެރީގެ ހިދުމަތް ވަކި މުއްދަތަކައް ހިލޭ ދިނީ، ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރުގެ ރަނގަޅުކުރަން ކަމަށެވެ.
އެމްޓީސީސީން އާރުޓީއެލްގެ ފެރީގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހދ. ހއ. އަދި ށ. އަތޮޅުގައެވެ.އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އާރުޓީއެލް މަޝްރޫއަކީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.
އާރުޓީއެލް މަޝްރޫއުގެ ދަށުން އެމްޓީސީސީން އަތޮޅު ތެރޭގައި ބަހުގެ ހިދުމަތް ދިނުމަށް ވެސް ވަނީ ނިންމައިފައެެވެ. އެމްޓީސީސީން މިހާރު ވަނީ ބައެއް ރަށްތަކަށް ބަސް ފޮނުވައިފައެވެ. އަދި އިއްޔެ ވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު