މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެެއްޖެއެެވެ.

އާޒިމް ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ މިނީ ބަހުގެ ހިދުމަތުގެ ފުރަތަމަ ދުވަހުވެސް 2،257 މީހުން ބަހުގައި ދަތުރުކުރި ކަމަށެވެ. އަދި ވެހިކަލްތައް ޕާކުކުރަން ހަމަޖެހިފައި ހުންނަ ޒޯނުތަކުގައި ޕާކުކުރެއްވުމަށް އާޒިމް ވަނީ އެދިފައެވެ.

"މާލެ ބަސް ދަތުރުތަށް ފެށުމުން ވަރަށްބޮޑު ތަރުހީބެއް ލިބިގެންދާކަން އުފަލާ އެކީ ފާހަނގަކުރަން. ރައްޔިތުން ދެެއްވާ އެއްބާރުލުމަށް ޝުކުރިއްޔާ،" އާޒިމް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ވަނީ ހަދައިފައެވެ.

މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައި ވަނީ ހަތް ރުފިޔާއެވެ. ނަމަވެސް ފުރަތަމަ ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

މާލޭގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައި ވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.