ފޯމުގައި ހުރި މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑަށް އެކަނި މުޅި ޓީމު ބަރާސޯވެގެން ޔޫރަޕްގެ ކާމިޔާބީއަށް ވާސިލު ނުވެވޭނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ހަތަރު ފަހަރަށް ޕްރިމިއާ ލީގުގެ ތަށި އެ ޓީމަށް ހޯދައިދީފައެވެ. އޭގެ އިތުރުންވެސް ޑޮމެސްޓިކް އެތައް ކާމިޔާބީއެއް ސިޓީން ގާޑިއޯލާއާއެކު ހޯދާފައިވީ ނަމަވެސް، އެޓީމަށް އަދިވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިފައެއް ނުވެއެވެ. ގާޑިއޯލާއާއެކު ބޮޑެތި ހަރަދުތަކެއްވެސްކޮށް، ސިޓީން ޔޫރަޕްގެ ތަށްޓަކަށް ބުރަކޮށް މަސައްކަތް ކުރަމުންދާ އިރު، މި ސީޒަނުގައިވެސް އެޓީމަށް އޮތް އެންމެ ބޮޑު ޓާގެޓަކީ އެއީއެވެ.
- 2016-17 ވަނަ އަހަރުގެ ސީޒަން - ސިޓީ ކެޓީ ގަދަ 16 އިން
- 2017-18 ވަނަ އަހަރުގެ ސީޒަން - ސިޓީ ކެޓީ ކުއާޓާ ފައިނަލުން
- 2018-19 ވަނަ އަހަރުގެ ސީޒަން - ސިޓީ ކެޓީ ކުއާޓާ ފައިނަލުން
- 2019-20 ވަނަ އަހަރުގެ ސީޒަން - ސިޓީ ކެޓީ ކުއާޓާ ފައިނަލުން
- 2020-21 ވަނަ އަހަރުގެ ސީޒަން - ސިޓީ ފައިނަލުގައި ބަލިވީ ޗެލްސީން
- 2021-22 ވަނަ އަހަރުގެ ސީޒަން - ސިޓީ ކެޓީ ސެމީ ފައިނަލުން
މި ސީޒަނަށް ތައްޔާރުވުމަށް ސިޓީން ކުރި އެންމެ ވަރުގަދަ ޓްރާންސްފާއަކީ ޔޫރަޕްގެ އެންމެ ނުރައްކާތެރި ފޯވަޑް ހާލަންޑް ޓީމަށް ގެންދިޔުމެވެ. މިހާތަނަށް ލީގުގައި ހާލަންޑް ކުޅުނު ހަ މެޗުގައި 10 ގޯލު ޖަހައިފައިވެއެވެ.
ސިޓީން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭ ފަށާއިރު، މިރޭ ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ސެވިއްޔާ ދަނޑުގައެވެ. ޗެމްޕިއަންސް ލީގުގެ ސީޒަން ފެށުމަށް ސިޓީން ތައްޔާރުވާ އިރު، ގާޑިއޯލާ ބުނެފައި ވަނީ ހާލަންޑްގެ ފޯމަށް އެކަނި ބަރޯސާ ވެގެން ކާމިޔާބު ނުހޯދޭނެ ކަމަށެވެ.
"ހާލަންޑަށް އެކަނި ބަރޯސާވެގެން ޗެމްޕިއަންސް ލީގުގެ ކާމިޔާބީ ހޯދަން އުނދަގޫވާނެ. އެންމެން ހާލަންޑްގެ ވާހަކަ ދައްކަނީ ކީއްވެގެންކަންވެސް އަހަންނަށް އެނގޭ. އެހެންވިޔަސް އަދިވެސް އެބަތިބި އާ ކުޅުންތެރިންތަކެއް. އެ ކުޅުންތެރިން ޓީމަށް ހާނުވަން ވަގުތު ބޭނުންވާނެ. ހާލަންޑާ ހެދިއެއް ނޫން ސިޓީ ބަލިވެ، މޮޅުވާނީވެސް. އެހެންވިޔަސް ހާލަންޑުގެ ހާއްސަ ހުނަރުން މައްސަލަތަކެއް ހައްލު ކުރެވިދާނެ،" ގާޑިއޯލާ ބުންޏެވެ.
ސިޓީއަކީ މި ސީޒަނުގެވެސް ޗެމްޕިއަންސް ލީގު ފެވަރިޓެކެވެ. ސެވިއްޔާ އާއި ސިޓީގެ އިތުރުން އެ ގްރޫޕުގައި ދެން ހިމެނެނީ ޑޯޓުމަންޑާއި އެފްސީ ކޯޕަން ހޭގަންއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު