ޚަބަރު

މިނީ ބަހުގެ ހިދުމަތް ރައްޔިތުން އުފާވާ ވަރަށް ދޭނަން: އާޒިމް

މުހައްމަދު އިޝާން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިއަދު ފެށި މިނީ ބަހުގެ ހިދުމަތް ރައްޔިތުން އުފާވާ ވަރަށް ލިބިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލޭގައި މިނީ ބަހުގައި ހިދުމަތް ފެށުމާ ގުޅިގެން އާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރާ ކޮންމެ ޕްރޮޖެކެއްޓެއް ވެސް ރައީސް އެދިވަޑައިގަންނަވާ ގޮތަށް ރައްޔިތުންނަށް އުފާވެރިކަމާއި ފަސޭހަކަން އިހުސާސް ކުރެވޭގޮތަށް ކުރިއަށް ގެންދިއުމަކީ އެމްޓީސީސީގެ އަމާޒު ކަމަށެވެ.

"މާލޭގައި ބަހުގެ ހިދުމަތް ވެސް ރައްޔިތުން އުފާވާ ވަރަށް ދެވޭތޯ ބަލާނަން،" އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީން މިއަދު ހެނދުނު 5:45ގައި މިނީ ބަހުގެ ހިދުމަތް މާލޭގައި ފަށާފައިވާއިރު އެންމެ ފުރަތަމަ ބަހުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި މޯލްޑިވިއަންގެ ޑީއެމްޑީ ޖެނިފާ އާދަމް ވަނީ ދަތުރުކުރައްވައިފައެވެ.

މިނީ ބަހުގެ ހިދުމަތް މާލޭގައި ފެށުމާ ގުޅިގެން ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ ނިޒާމު ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހުދުމަތްވެ، އިތުރަށް ތަރައްގީވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ވަނީ ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ހުންނާނެއެވެ.

މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތް ރުފިޔާއެވެ. ނަމަވެސް މިއަދުން ފެށިގެން ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.

މާލޭގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައި ވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.

މާލޭގައި މީގެ ކުރިން 2011 ވަނަ އަހަރުވެސް މިނީ ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެެއްހާ ދުވަސް ނުވަނީސް ބަހުގެ ހިފުމަތް ވަނީ ހުއްޓާލައިފައެވެ.