ޚަބަރު

2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން

އަލީ ޔާމިން

ދެހާސްތެއްތިރީސް ވަނަ އަަހަރު ރާއްޖޭގައި ވެރިކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އެހެން ވިދާޅުވީ، ކުރިއަށް އޮތް 10 އަހަރު އަދާލަތު ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ރޭ ބޭއްވި މަޝްވަރާ މަޖިލީހުން ތަސްދީގުކުރި ޕްލޭނަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

"މާތްﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް" އިމްރާން ވިދާޅުވެފައިވެއެވެ.

އިމްރާން މިހެން ވިދާޅުވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެ ޕާޓީން ކެނޑިޑޭޓެއް ނެރޭނެކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމުންވެސް ކެނޑިޑޭޓަކު ނެރޭނެ ކަމަށް އަދި ބުނެފައެއް ނުވެއެވެ. ނަމަވެސް އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެމްއާރްއެމްގެ އަމާޒަކީވެސް ވެރިކަމަށް އައުން ކަމަށް ވިދާޅުވެފައެވެ.