މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި މިއަދު މިނީ ބަހުގެ ހިދުމަތް ދޭން ފަށައިފިއެވެ.
މާލޭގައި މީގެ ކުރިން 2011 ވަނަ އަހަރުވެސް މިނީ ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެެއްހާ ދުވަސް ނުވަނީސް ބަހުގެ ހިފުމަތް ވަނީ ހުއްޓާލައިފައެވެ.
އެމްޓީސީސީން މިއަދު ހެނދުނު 5:45ގައި ބަހުގެ ހިދުމަތް ފަށާފައިވާއިރު އެންމެ ފުރަތަމަ ބަހުގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމާއި މޯލްޑިވިއަންގެ ޑީއެމްޑީ ޖެނިފާ އާދަމް ވަނީ ދަތުރުކުރައްވައިފައެވެ.
މާލޭގައި މިނީ ބަސް ދަތުރުކުރާނެ ތިން ރޫޓެއް އެމްޓީސީސީން ވަނީ ކަނޑައަޅާފައިވާ އިރު، ޖުމުލަ 40 ބަސް ސްޓޮޕެއް ހުންނާނެއެވެ.
މިނީ ބަހުގެ ޓިކެޓުގެ އަގަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހަތް ރުފިޔާއެވެ. ނަމަވެސް މިއަދުން ފެށިގެން ދެ ހަފުތާ ވަންދެން ހުރިހާ ފަރާތްތަކަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ. އޭގެ ފަހުންވެސް އުމުރުން ދުވަސްވީ މީހުންނާއި ތިން އަހަރު ނުވާ ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން ޔުނިފޯމުގައި ތިބޭ ސްކޫލު ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ.
މާލޭގައި ބޭނުންކުރަން ހަމަޖެހިފައި ވަނީ 18 ބަހެކެވެ. އޭގެ ތެރެއިން އަށް ބަސް ހާއްސަކޮށްފައި ވަނީ ހާއްސައެހީއަށް ބޭނުންވާ މީހުންނަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު