ފ. ބިލެއްދޫގައި ބުދެއް ގެންގުޅުނު ތިން ބިދޭސީން ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، ބުރާސްފަތި ދުވަހު ބިލެއްދޫގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެ މީހުން އަޅުކަންކުރުމަށް ބުދެއް ހަދައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ 27 އަހަރުގެ ބިދޭސިއަކާއި 37 އަހަރުގެ ބިދޭސީއެއްގެ އިތުރުން 39 އަހަރުގެ ބިދޭސީއަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ތިން މީހުންގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ބިލެއްދޫގައި ބިދޭސީންތަކެއް ހިންދޫން އަޅުކަންކުރާ ޒާތުގެ ބުދެއް ކަހަލަ އެއްޗެއް ހިފައިގެން ރަށުތެރޭގައި ހިނގާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ މިމަހުގެ ދެ ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

ބިލެއްދޫ ކައުންސިލް ރައީސް އަހުމަދު އަސްލަމް މީގެ ކުރިން "ވަން" އަށް ވިދާޅުވެފައި ވަނީ، އެމައުލޫމާތު ކައުންސިލަށް ލިބުމުން ވަގުތުން މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ އަމަލު ހިންގާފައި ވަނީ އެ ރަށުގެ ފެނުގެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާ ކުންފުނީގެ މުވައްޒަފުންތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، މިކަމުގެ ސަބަބުން އާއްމުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށް ރަށުގެ މަސްލަހަތުވެސް ގެއްލިދާނެ. މިއީ އާއްމުން އެމީހުންގެ މުވައްޒަފުންނާއި ދޭތޭރޭ ނަފުރަތުވެސް އުފެދިދާނެ ކަމެއް،" އޭނާ ވިދާޅުވެފައިވެއެވެ.

އަސްލަމް ވިދާޅުވެފައިވަނީ އެކަން ހިނގި ވަގުތު އެ މަންޒަރު ފެނުނީ އާއްމުންގެ މަދު ބަޔަކަށް ކަމަށާއި ކައުންސިލަށް އެކަމުގެ މައުލޫމާތު ލިބުމާއެކު އެ ކުންފުނީގެ ފަރާތުން ރަށުގައި ތިބި އެންމެ އިސް ފަރާތްތަކާ ވާހަކަދައްކައި އެފަދަ ކަމެއް އިތުރަށް ތަކުރާރު ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ.