މިއަދަކީ މިއަހަރު އެންމެ ގިނައިން ވާރޭ ވެހުނު އެއް ދުވަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން މިއަދުކުރި ޓުވީޓެއްގައި ބުނީ، ފާއިތުވި 24 ގަޑިއިރަކީ ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހުނު އެއް ދުވަސް ކަމަށާއި އެންމެ ގިނައިން ވާރޭ ވެހުނީ ގދ. ކާޑެއްދުއަށެވެ. އެގޮތުން ކާޑެއްދުއަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 124.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ބުންޏެވެ.

ކާޑެއްދޫގެ އިތުރުން ދެން މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ފ. ބިލެތްދުއަށެވެ. އެ ރަށަށް 58.2 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މި އަހަރު ތެރޭގައި އެއް ދުވަހަކު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު، ރ. އަލިފުއްޓަށް ކަމަށް މެޓް އޮފީހުން ބުންޏެވެ. އެ ދުވަހު އަލިފުއްޓަށް ވަނީ 157 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިރެ އާއި މާދަމާ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މޫސުން ރަނގަޅުވާން ފަށާނީ އަންގާރު ދުވަހުން ފެށިގެން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިރޭވެސް މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

އެ އެލާޓުގައި ވަނީ މިރޭ ބޯކޮށް ވާރޭވެހި، ގަޑިއަކު 24 މޭލާއި 30 މޭލުގެ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ އިރު، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.