Close
ޚަބަރު

މަގުމަތިން ގާނޫނު ތަންފީޒުކުރުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެއް ނޫން: ޝަމީމް

އިބްރާހިމް ޒަކީ

މަގުމަތިން ގާނޫނު ތަންފީޒުކުރުމަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކަމެއް ނޫން ކަަމަށާއި އެއީ ނުރައްކާތެރި ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމު މިހެން ވިދާޅުވެފައިވަނީ ތިމާ ނުރުހޭ ކަންތައްތަކުގައި މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށް، ކީރިތި ގުރުއާނާއި ހަލީފާއިން އަމަލު ކުރައްވާފައިވާ ގޮތްތަކުން ހުއްޖަތް ދައްކަައި އޭނާގެ އަމިއްލަ ބްލޮގުގައި ހިއްސާކުރެއްވި ލިޔުއްވުމެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ، އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ކަމެއް ކަމަށެވެ.

"އެމީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެއް،" ޝަމީމު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ގާނޫނީ ނިޒާމު ބިނާވެފައި އޮތީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނެހެދޭނެ ކަމަށްވެސް ގާނޫނުއަސީގައި ބަޔާންކޮށްފައިވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.

"ރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކީ އިސްލާމްދީނާ ހިލާފު ގާނޫނެއްނަމަ، އެ ގާނޫނު ބާތިލުކުރަން ހިނގަންޖެހޭ މަގުވެސް ގާނޫނުގައި އެބައޮތް. އެ މަގުން ގޮސް، އެ ގާނޫނަކީ އިސްލާމްދީނާ ހިލާފު ގާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ގާނޫނުގައިވާ ގޮތުގެ މަތިން އުޅުން،"

ޝަމީމް ވިދާޅުވެފައިވަނީ ދުނިޔަވީ އެކި ކަންކަމަށް ގާނޫނު ހެދުމަކީ، އިސްލާމްދީން ހުއްދަކުރާ ކަމެއް ކަމަށާއި ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ގާނޫނެއް ކަމަށް ބަލައިގެން ކަމަށެވެ. އަދި ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ގާނޫނަކީ ރަނގަޅު ގާނޫނެއްތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިސްލާމީ ޖިނާއީ އަދުލުގެ ނިޒާމުގައި ވަކި ހަމަތަކެއް، އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި އިސްލާމްދީނުގެ ހަމައަކީ ހަމައެކަނި ނަތީޖާއެއް ހާސިލު ކުރުން ނޫން ކަމަށެވެ. އަދި ނަތީޖާއަށް ވާސިލުވި ގޮތަކީވެސް މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މީހަކު ކުރާކަމަށް ތިމާއަށް ގަބޫލުކުރެވޭ، ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން އެމީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ، ނުވަތަ ކުރާ ނަފްރަތަކީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާ މެދު އަމަލުކުރުމަކީ ވެސް ދީނީ ގޮތުންވެސް ގާނޫނީ ގޮތުން ވެސް ހުއްދަ ކަމެއް ނޫން،"

އެއީ އެތައް އެތައް މަސްލަހަތެއް ހިމާޔަތް ކުރުމަށް އޮންނަ ގޮތެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއްކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެ. އޭނާއަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ގާނޫނީ ނިޒާމާ މަތިކޮށްފައި. އެކަން ހަމަޖެހިފައި އޮންނަ ގޮތަށް ނުބަލައި، ތުހުމަތުކުރެވޭ މީހާގެ ގައިގައި ތަޅައި އަނިޔާކުރުމަކީ، ދީނީ ގޮތުން މަނާ ކަމެއް،"

ވަކި ކަމެއް ހިނގީ ވަކި ގޮތަކަށްކަން އެނގުނަސް، އެކަމަކަށް އަދަބު ދެވޭނީ، ގާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެން ކަމަށާއި ކުށްކުރާ މީހުންނާމެދު އަމަލުކުރާނެ ގޮތް އޮތީ ގާނޫނުގައި ލިޔެފައި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނުގައި އޮތް ގޮތަށް ހެކި ނުލިބިއްޖެނަމަ، ،"މީހަކު އަދި ކުށެއް ކުރިއަސް، ނިޒާމުގެ ތެރެއިން ފިޔަވަޅެއް ނޭޅޭނެ، މިކަންކަން މިގޮތަށް އޮންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި،" ކަމަށްވެސް ޝަމީމް ވިދާޅުވެފައިވެއެވެ.