ގަތަރު ވޯލްޑް ކަޕް 2022

ގަތަރު ވޯލްޑްކަޕް 2022: ގަތަރުގެ ޓީމާމެދު އުންމީދުކުރެވެނީ ކިހާވަރަކަށް؟

އިމާދު ލަތީފު

1

މިއީ ގަތަރުގެ ފުރަތަމަ ވޯލްޑްކަޕެވެ. މުޅިން އަލަށް ވޯލްޑްކަޕުގައި ކުޅުނަސް ހަމައެކަނި ބައިވެރިވެލައި އަދަދު ހަމަކޮށްލުމަކުން ފަރުޖައްސައިލަން ގަތަރު ބޭނުމެއް ނުވެއެވެ. ގަތަރަކީވެސް ފުޓްބޯޅަ ކުޅެވޭ އަދި ވާދަވެސް ކުރެވޭ ގައުމެއްކަން ދައްކަން ބޭނުންވެއެވެ. އެކަން ކުރުމަށްޓަކައި ދުރާލައި ތައްޔާރުވަމުންދާތާ ލައްކަ ގިނަދުވަސް ވަނީ ވެފައެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ގަތަރު ހިމެނެނީ ގްރޫޕް އޭގައެވެ. ގަތަރުގެ އިތުރަށް ދެން މި ގްރޫޕުގައި ހިމެނެނީ ހޮލެންޑާއި ސެނެގޯލް އަދި އިކުއެޑޯރެވެ. ތަފާތު ހަތަރު ކޮންޓިނެންޓުގެ ހަތަރު ޓީމެވެ. މި ގްރޫޕުގައި އެކަށީގެންވާ ނަތީޖާތަކެއް ނެރުމަށް ގަތަރު އުންމީދުކުރާއިރު އެކަން ހަގީގަތަކަށް ހެދުމުގައި އެންމެ އިތުބާރާއެކު މަސައްކަތް ކުރެވިދާނޭ ކަމަށް ފެންނަ ފަސްކުޅުންތެރިޔަކު އެބަތިއްބެވެ. މި ބަލައިލަނީ އެކުޅުންތެރިންނަށެވެ.

ސައުދު އަބްދު ﷲ އައްޝީބު

މީނާއަކީ ޓީމުގެ ގޯލްކީޕަރެވެ. އުމުރަކީ ބައްތިރީސް އަހަރެވެ. ކުލަބަކީ ގަތަރުގެ ނާދީ އަސަދު އައްރިޔާޟީއެވެ. ލަޔަން ސްޕޯޓްސް ކްލަބެވެ. ގަތަރުގެ ގައުމީ ޓީމަށް މިހާތަނަށް 75 މެޗު ކުޅެދީފައިވެއެވެ. އޭއެފްސީ ކަޕާއި ކޮޕާ އެމެރިކާޔާއި ކޮންސާކަފް ގޯލްޑްކަޕް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ގަތަރުގެ ގޯލް ބަލަހައްޓާފައިވެއެވެ. ސެނެގޯލްގެ ސާޑިއޯ މާނޭ އާއި ހޮލެންޑުގެ މެމްފިސް ޑިޕާއީ ފަދަ ފޯވާޑުންނަށް މާބޮޑުވަރެއް ވިޔަނުދީ ގަތަރުގެ ގޯލް ބެލެހެއްޓިއްޖެނަމަ އައްޝީބު ވެގެންދާނީ ހުރިހާ ގޮތަކުންވެސް ގަތަރުގެ ހީރޯއަކަށެވެ. އޭނާގެ ކިބައިގައި ހުނަރު އެބަހުއްޓެވެ. ތަޖުރިބާވެސް އެބަހުއްޓެވެ. އިތުރަށް ބޭނުންވާ އެއްޗަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާއި ނަސީބެވެ. ސައުދު އަބްދު ﷲ އައްޝީބު އެންމެ ފުރަތަމަ ގައުމީ ޓީމަށް އެރީ 2009 ވަނަ އަހަރުއެވެ.

އަބްދުލްކަރީމް ހަސަން

އުމުރުން 28 އަހަރުވީ އަބްދުލްކަރީމު ހަސަނަކީ ޓީމުގެ ވާތުބެކެވެ. މިހާތަނަށް ގައުމީ ޓީމަށް 122 މެޗު ކުޅެދީފައިވެއެވެ. ދިގު އިސްކޮޅެއް ލިބިފައިވުމާއެކު ބޮލުން ޖެހުމަށް ކުޅަދާނައެވެ. ގައުމީ ޓީމަށް ޖުމްލަ 15 ގޯލްވެސް ޖަހައިދީފައިވެއެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ލިސްޓުން އޭނާއަށް ލިބެނީ ތިންވަނައެވެ. މީނާއަކީވެސް ނާދީ އަސަދު އައްރިޔާޟީގެ ކުޅުންތެރިއެކެވެ. އަބްދުލްކަރީމު ވަނީ ބެލްޖިއަމްގެ ލީގުގައި ޔޫޕެންއޭ ކިޔުނު ޓީމަކަށް ދުވަސްކޮޅަކު ކުޅެފައެވެ. އެހެންވީމާ ޔޫރަޕުގެ ލީގެއްގައި ކުޅުމުގެ ތަޖުރިބާވެސް އޭނާއަށް ލިބިފައިވެއެވެ. މީނާއަކީ ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުގައި ފުރަތަމަ އެގާރައިގެ އޮޓޮމެޓިކް މެންބަރެކެވެ. ގަތަރުގެ ޑިފެންސް ލައިނުން ކުޅުންތެރިޔަކު ވިދަންޏާ އެމީހަކީ އަބްދުލްކަރީމު ކަމަށްވެސް ލަފާކުރެވެއެވެ.

ހަސަން އަލްހައިދޫސް

އުމުރުން 31 އަހަރުވީ އަލްހައިދޫސްއަކީ ޓީމުގެ އެންމެ މުހިއްމު އަދި އެންމެ ތަޖުރިބާކާރު ފޯވާޑެވެ. މީނާގެ ކުލަބަކީވެސް ނާދީ އަސަދު އައްރިޔާޟީއެވެ. ގަތަރުގެ ގައުމީ ޓީމަށް މިހާތަނަށް 163 މެޗުން 38 ގޯލް ޖަހާދީފައިވެއެވެ. އަލްހައިދޫސްއަކީ ޕްލޭމޭކިން ރޯލެއްގެ އިތުރުން ކަނާތު ވިންގަށްވެސް ކުޅެވޭ ކުޅުންތެރިއެކެވެ. ގަތަރުން 2019 ވަނަ އަހަރު އޭއެފްސީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ތަރިޔަކީ މީނާއެވެ. ގަތަރުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރިކޯޑު އޮންނަނީވެސް އަލްހައިދޫސްއަށެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް އެރީ އުމުރުން އެންމެ ސަތާރަ އަހަރުގައި މީގެ ސާދަ އަހަރު ކުރިންނެވެ. ގަތަރުގެ ކުޅުންތެރިންގެ ތެރެއިން ބޭރުގެ އެންމެ ގިނަ ބަޔަކު ދަންނަ އެންމެ ޖެހިލުންވާ ކުޅުންތެރިޔަކީވެސް އަލްހައިދޫސްއެވެ.

އަކްރަމް އަފީފު

އުމުރުން 26 އަހަރުވީ އަކްރަމް އަފީފަކީވެސް ނާދީ އަސަދު އައްރިޔާޟީގެ ކުޅުންތެެރިއެކެވެ. ކަނާތު ވިންގާއި ވާތު ވިންގަށްވެސް އޭނާ ބަރާބަރެވެ. އަދި ސެންޓްރަލް ސްޓްރައިކަރެެއްގެ ރޯލަށްވެސް ބަރާބަރެވެ. ގަތަރުގެ ޓީމުގައި ޔޫރަޕުގެ ތަޖުރިބާ އެންމެ ބޮޑަށް ލިބިފައިވަނީވެސް މީނާއަށެވެ. ބެލްޖިއަމްގެ ފުރަތަމަ ޑިވިޝަންގެ ޔޫޕެންއަށް ކުޅުނެވެ. ސްޕޭނުގެ ވިޔަރެއާލާއި ސްޕޯޓިން ގީޖޯނަށްވެސް ކުޅުނެވެ. އަދި ސްޕޭނުގެ ސެވިއްޔާގެ ޔޫތު ޓީމަށްވެސް ތިން އަހަރު ކުޅެފައިވެއެވެ. ގަތަރުގެ ލީގުގައި ފާއިތުވި ދެއަހަރު އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔަކީވެސް މީނާއެވެ. ގަތަރުގެ ގައުމީ ޓީމަށް މިހާތަނަށް 83 މެޗު ކުޅެދީ 24 ގޯލް ޖަހާފައިވެއެވެ. ގަތަރުގެ ސީނިއަރ ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ އެރީ އުމުރުން އެންމެ 19 އަހަރުގައި 2015 ވަނަ އަހަރުއެވެ.

އަލްމުއިއްޒު އަލީ

އުމުރުން 25 އަހަރުވީ ފޯވާޑް އަލްމުއިއްޒު އުފަންވީ ސޫދާނުގެ ވެރިރަށް ޚަރުތޫމުގައެވެ. އެގޮތުން އޭނާއަށް ސޫދާނުގެ ރަށްވެހިކަންވެސް އޮވެއެވެ. އަލްމުއިއްޒުގެ ކުލަބަކީ ގަތަރުގެ ނާދީ އައްދުހައިލް އައްރިޔާޟީއެވެ. ދުހައިލް ސްޕޯޓްސް ކުލަބެވެ. އަލްމުއިއްޒަށް ގައުމީ ޓީމުގައި ދެ ރިކޯޑެއް އޮވެއެވެ. އޭއެފްސީ އޭޝިޔާ ކަޕުގައި 2019 ވަނަ އަހަރު އެންމެ ގިނަ ގޯލް ޖަހައިދިނީ އޭނާއެވެ. އަދި 2021 ވަނަ އަހަރު ކޮންސާކަފް ގޯލްޑްކަޕުގައިވެސް އެންމެ ގިނަ ގޯލް ޖަހާފައިވަނީ މީނާއެވެ. ގަތަރުގެ ސީނިއަރ ގައުމީ ޓީމަށް 74 މެޗުން މިހާތަނަށް 39 ގޯލް ޖަހާދީފައިވެއެވެ. ގަތަރުގެ ތާރީޚުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖަހާދީފައިވާ މަންސޫރު މިފްތާހުގެ ރިކޯޑާ ހަމަކުރުމަށްޓަކައި އަލްމުއިއްޒަށް ދެން އިތުރަށް ބޭނުމީ އެންމެ ފަސް ގޯލެވެ.