ސައޫދީ އަރަބިޔާގެ ސަރުކާރުން މިއަހަރުގެ ފަހުކޮޅު އާރްއައިއޭގެ ނަމުގައި މުޅިން އައު ގައުމީ އެއަރލައިނެއް ވުޖޫދުކުރަން ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ރަސްމީ އިދާރާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިޔާ އޮގަނައިޒޭޝަންތަކުން ރިޕޯޓްކޮށްފިއެވެ.

އައު އެއަރލައިން ވުޖޫދު ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން 30 ބިލިޔަން ޑޮލަރު ޚަރަދުކުރާނީ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑުންނެވެ. މި އެއަރލައިން ވާނީ ސައުދީ އަރަބިޔާގެ ދެވަނަ ގައުމީ އެއަރލައިން ކަމުގައެވެ. މިހާރުވެސް ސައޫދިއާގެ ނަމުގައި ގައުމީ އެއަރލައިނެއް އަންނަނީ އޮޕަރޭޓްކުރަމުންނެވެ. މި އެއަރލައިން އޮޕަރޭޓްކުރަނީ މައިގަނޑު ގޮތެއްގައި ޖިއްދާއިންނެވެ. މިއީ ހައްޖުވެރިން އުފުލުމަށް އިސްކަންދޭ އެއަރލައިނެކެވެ. އާރްއައިއޭގެ ނަން ދެވޭ އައު އެއަރލައިން އޮޕަރޭޓްކުރާނީ ވެރިރަށް ރިޔާޒުންނެވެ.

އައު އެއަރލައިނެއް އުފައްދަނީ ގަތަރު އެއަރވޭޒް އާއި އެމިރޭޓްސް އާއި އިއްތިހާދު ފަދަ ސަރަހައްދީ އެއަރލައިންތަކާ ވާދަކޮށް މެދުއިރުމަތީގެ މާރކެޓް ކޮންޓްރޯލް ކުރުމަށެވެ. ރޭވިފައިވަނީ މަދުވެގެން ދުނިޔޭގެ 150 މަންޒިލަކަށް އުދުހޭ އެއަރލައިނަކަށް ހެދުމަށެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމިރޭޓްސްއިން މިހާރުވެސް ދުނިޔޭގެ 158 މަންޒިލަކަށް އޮޕަރޭޓް ކުރެއެވެ.

އައު އެއަރލައިން ވާނީ މެދުއިރުމަތީގެ ފަތުރުވެރިކަމުގެ ހަބަކަށް ސައޫދީ އަރަބިޔާ ހެދުމަށް ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން އެކުލަވާލައްވާފައިވާ ސަތޭކަ ބިލިޔަން ޑޮލަރުގެ ދިހަ އަހަރުގެ ބިޔަ މަޝްރޫއުގެ ތެރެއިން ހިންގޭ އެންމެ މުހިއްމު މަސައްކަތް ކަމުގައެވެ. އައު އެއަރލައިންގެ ނަން މުޅިން އަދި ފައިނަލް ނުވިޔަސް، އަދި އެއަރލައިނުގެ ސީއީއޯއަކު އައްޔަން ނުކުރެވުނަސް މިކަމާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްދާތާ އަހަރެއްހައި ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.