ދުނިޔެ

އަދުގެ ދުނިޔެ: އެންމެފަހުން ގޮޓާބަޔާ އެނބުރި ގައުމަށް ވަޑައިގެންނެވީ ކީއްވެ؟

އިމާދު ލަތީފު

ގައުމުން ބޭރުގައި ގާތްގަޑަކަށް ފަންސާހަކަށް ދުވަސް ހޭދަކުރެއްވުމަށްފަހު ސްރީލަންކާގެ ކުރީގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސާ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެނބުރި ގައުމަށް ވަޑައިގެންފައެވެ. އަލުން ގައުމަށް ވަޑައިގެންނެވީމާ ހަމަނުޖެހުންތައްވެސް އަލުން ތާޒާވުމަށް ފުރުސަތު އޮތަކަމަށް ބައެއް މީހުން ދެކެއެވެ. އެއްދުވަސްވަރެއްގައި ދަގަނޑު އަތްޕުޅަކުން ވެރިކަން ކުރެއްވި ރާޖަޕަކްސާ ފިއްލެވީ ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލީމައެވެ. ޖުލައި ތޭރަވަނަ ދުވަހު ދިވެހިރާއްޖެއަށް ވަޑައިގެންނެވި ގޮތަށް އުޅުއްވީ މީޑިޔާއަށްވެސް ފިއްލަވައިގެންނެވެ. ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ކީއްވެގެން ކަމެއް، އޭޝިޔާގެ ތިން ގައުމެއްގައި ދޮޅުމަހެއްހާ ދުވަސް ހޭދަކުރެއްވީ ކީއްވެގެންކަމެއް، އަދި މިހާރު އެނބުރި ގައުމަށް ވަޑައިގެންނެވީ ކީއްވެގެން ކަމެއް ވިދާޅެއް ނުވެއެވެ.

ރާޖަޕަކްސާއާ ދެކޮޅަށް ސަރިޔަތެއް ހިންގުމަށް ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެހެންނަމަވެސް އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ވެރިކަމުގައި އަދިވެސް އެތިބީ އޭނާގެ މިތުރުންނެވެ. ރާޖަޕަކްސާ އެނބުރި ގައުމަށް ވަޑައިގެންނެވުމުން ސްރީލަންކާގައި އަލިފާން ރޯވާނެ މިންވަރު އަދިއޮތީ ނޭނގުމެއްގެ ތެރޭގައެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާއި ތައިލެންޑުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު އެނބުރި މިވަޑައިގެންނެވީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަށް މަރުހަބާކިޔަން އެއްބަސްވާ އެހެން ގައުމުތަކެއް ނެތުމުންނެވެ. ގައުމުން ބޭރުގައި ހުންނެވިއަސް ބައެއްކަހަލަ ކަންކަން ފުރިހަމަވެފައި ހުންނާން ޖެހެއެވެ. ޕްރައިވެޓް ޖެޓެއް އޮންނާން ޖެހެއެވެ. ސިކިއުރިޓީ ޓީމެއް އޮންނާން ޖެހެއެވެ. ހުންނަވާން ޖެހެނީ ޕްރެޒިޑެންޝަލް ސޫޓެއްގައެވެ. މިކަމަށް ދޮޅުމަސް ދުވަހުގެ ތެރޭގައި ބައިމިލިޔަނެއްހައި ޑޮލަރު ވަނީ ޚަރަދުވެފައެވެ.

ގޮޓާބަޔާ ރާޖަޕަކްސާއަށް މިވަގުތު ކުރިމަތިވެފައިވާ ދަތި އުނދަގޫ ގޮތްތައް އެގައުމުގެ ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަނަރު އަމްބިކާ ސަތުކުނަންދަން ސިފަކުރައްވަނީ މިފަދައިންނެވެ. ވެރިކަން ގެއްލުނީމާ ރާޖަޕަކްސާގެ އިއްޒަތާއި ޝަރަފުވަނީ ވެއްޔާއި މޮޑެވިފައެވެ. ހިމާޔަތާއި ރައްކާތެރިކަން ދޭން ބޭނުންވާ ގައުމެއް ނެތެވެ. މިއީ ކުރިން އޭނާ ހީފުޅުކުރެއްވި ކަހަލަ ހާލަތެއް ނޫނެވެ. އެއްދުވަސްވަރެއްގައި އޭނާ ހުންނެވީ ގާނޫނަށްވުރެ މާ އުހުގައެވެ. ވަރަބިނދިއްޖެކަމާއި ހަމަބިމަށް ތިރިވެއްޖެކަން ގަބޫލުކުރަން އަދިވެސް އޭނާއަކަށް ފަސޭހަޔެއް ނޫނެވެ. ރާޖަޕަކްސަ ގަބޫލުކުރައްވާ ގޮތުގައި ތަމަޅަ ޓައިގަރުން ބަލިކުރައްވައި ދާޚިލީ ހަނގުރާމަޔަށް ނިމުން ގެންނެވި ލީޑަރުގެ ގޮތުގައި އޭނާއަށް ދާއިމީ އިމްތިޔާޒެއް އޮންނާންޖެހެއެވެ. އޮންނަންވެސް ވާނެއެވެ.

ގައުމު ދޫކުރައްވައި ވައިގެ ސިފައިންގެ މަތިންދާބޯޓެއްގައި ރާޖަޕަކްސާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ދިވެހިރާއްޖެއަށެވެ. ގާތްގަޑަކަށް ދޮޅުގަޑިއެއްހާއިރުގެ ކުރު ދަތުރެކެވެ. އެކަމަކު ރާއްޖެއަށް ވަޑައިގެންނެވުން ވެގެންދިޔައީ ރާޖަޕަކްސާ އުންމީދު ކުރެެއްވި ވަރަށްވުރެ މާބޮޑަށްވެސް ދަތިކަމެއް ކަމުގައެވެ. ގަބޫލުކުރެވިފައިވާ ގޮތުން ރާޖަޕަކްސާގެ ފްލައިޓް ރާއްޖެއަށް ތިރިކުރުމުގެ ހުއްދަ ދިނުންވެސް އެތައްތަނަކުން ލަސްވެގެން ދިޔައެވެ. ގޮތްނިންމާން ދަތިވެގެންނެވެ. ރާޖަޕަކްސާޔާ ދެކޮޅަށް މާލޭގައި ސިލޯނު ރައްޔިތުން މުޒާހަރާވެސް ކުރިއެވެ. މުޖުރިމުންނަށް ހިމާޔަތްނުދީ ގާދޫކޮލުން ބޭރުކޮށްލުމަށްވެސް އެމީހުން ވަނީ އެދިފައެވެ. މިކަންކަން މިހެންހުރުމުން ކަމަށްވެސް ވެދާނެއެވެ. ރާއްޖޭގައި 48 ގަޑިއިރުވެސް ހަމަނުކުރައްވައި ސައޫދީ އެއަރލައިނުގެ ބޯޓެއްގައި އޭނާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީއެވެ.

އެންމެ ފުރަތަމަ ހީކުރެވުނީ ސިންގަޕޫރުން ދެން ރާޖަޕަކްސާ ވަޑަައިގަންނަވާނީ އެމިރޭޓްސްއަށް ނުވަތަ ސައޫދީ އަރަބިޔާއަށް ކަމުގައެވެ. އެކަމަކު އެ ދެގައުމުންކުރެ ގައުމަކުން ރާޖަޕަކްސާ ގެންދާކަށް އެއްބަހެއް ނުވިއެވެ. ބައެއް މީހުން ބުނެއެވެ. ކޮވިޑުގެ ތެރޭގައި ސިލޯނުގައި މަރުވި މުސްލިމުން ވަޅުލުމުގެ ބަދަލުގައި އެންދުމަށް ރާޖަޕަކްސާ އަމުރު ކުރައްވާފައިވާތީ އެ ދެގައުމުންވެސް ރާޖަޕަކްސާޔާ ނުރުހުނީއެވެ. ހަގީގަތަކަށްވެސް ވެދާނެއެވެ. ރާޖަޕަކްސާ ގެންގުޅުއްވީ އެކަހަލަ ސިޔާސަތެކެވެ. މި ސިޔާސަތު އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީން ކުށްވެރި ކުރިއެވެ. އިސްލާމުން ވަޅުލާންވާނީ ދީނުގައި ހުއްދަކުރާ ގޮތަށް ކަމަށް އަންގައި އިލްތިމާސްވެސް ކުރިއެވެ. ތަންކޮޅެއް ފަހުން މި ސިޔާސަތު ރާޖަޕަކްސާ ބަދަލު ކުރެެއްވިއެވެ. އެކަމަކު ދެންވެސް އެކަންކުރީ ވިޔާނުދާ ގޮތަކަށެވެ.

ސިންގަޕޫރުގައި ހުންނެވުންވެސް ރާޖަޕަކްސާޔަށް ފަސޭހައެއް ނުވިއެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ރާޖަޕަކްސާގެ އަމުރަށް ތަމަޅައިންނާ ދެކޮޅަށް ސިފައިން ހިންގާފައިވާ އަމަލުތައް ތަހުގީގުކޮށް ސަރިޔަތް ހިންގުމަށްޓަކައި ރާޖަޕަކްސާ ހައްޔަރުކޮށްދޭން އިންޓަރނޭޝަނަލް ޓްރަތު އެންޑް ޖަސްޓިސް ޕްރޮޖެކްޓްގެ ފަރާތުން ޖުލައި ތޭވީސްވަނަ ދުވަހު ސިންގަޕޫރުގެ އެޓާރނީ ޖެނެރަލަށް ހުށައެޅިއެވެ. ސިންގަޕޫރަށް މިކަމުގައި ގޮތެއް ނުނިންމިގެން އުޅެނިކޮށް ޕްރައިވެޓް ޖެޓެއްގައި އޮގަސްޓް އެގާރަ ވަނަ ދުވަހު ރާޖަޕަކްސާ ވަޑައިގެންނެވީ ތައިލެންޑްގެ ވެރިރަށް ބެންކޮކަށެވެ. ތައިލެންޑުން އޭނާއަށް ހިމާޔަތެއް ނުދެއެވެ. އެތާގައި ގިނަވެގެންވެސް ހުންނެވޭނީ އެންމެ ތިންމަހަށްކަން ފުރަތަމަ ދުވަހުވެސް އޮތީ އަންގައިފައެވެ. ބެންކޮކްގައި ހުންނެވީ ގޮތަކަށް ހޮޓަލުގައި ބަންދުކުރެވިފައިވާ ހާލަތެއްގައެވެ. އެހެންވީމާ ތިންމަސް ހަމަވަންދެން ހުންނެވުންވެސް ފަސޭހަފުޅު ނުވީއެވެ.