ދިވެހި ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އާ ހިންގާ ކޮމިޓީ އިންތިހާބުކޮށްފިއެވެ.

ސްޓެލްކޯގެ މީޓިން ހޯލްގައި މިއަދު ހަވީރު ބޭއްވި މެމްބަރުންގެ އާއްމު ޖަލްސާ "އެމްޖޭއޭ ކޮންގްރެސް 2022"ގައި ވަނީ ރައީސް އާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލާއި ބަޖެޓް ސެކްރެޓަރީ އާއި އާއްމު މެމްބަރެއްގެ އިތުރުން އަންހެނުންނަށް ހާއްސަ ދެ މެމްބަރަކު އިންތިހާބުކޮށްފައެވެ.

އާ އެކްސްކޯ ހޮވުމަށް ވޯޓުލުން ކުރިއަށްގެންގޮސްފައި ވަނީ ޓެލެގްރާމް ޕޯލެއް މެދުވެރިކޮށެވެ. އާއްމު ޖަލްސާގައި 79 މެންބަރުން ބައިވެރިވި އިރު، ބައެއް މެންބަރުން ވަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބައިވެރިވެފައެވެ.

  • ރައީސް: އަލީ ރިފްޝާން (ވަން އޮންލައިން)
  • ނައިބު ރައީސް: މުހައްމަދު ޔާމީން (ވަގުތު އޮންލައިން)
  • އެސްޖީ: އަހުމަދު ނާއިފް (ދައުރު)
  • ބަޖެޓް ސެކްރެޓަރީ: ނާޒިމް ހަސަން (އަދަދު)
  • އަންހެން މެންބަރު: އާސިމާ ނިޒާރު (މިހާރު)
  • އަންހެން މެންބަރު: އައިޝަތު ނުޒުހާ (އަދަދު)
  • އާއްމު މެންބަރު: މުޒައްޔިން ނާޒިމް (ދައުރު)

އާ އެކްސްކޯ އެމްޖޭއޭގެ ހިންގުމާ ހަވާލުވާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އާ އެކްސޯގެ ދައުރަކީ ތިން އަހަރެވެ.

އެމްޖޭއޭގެ ކުރީގެ ހިންގާ ކޮމިޓީގައި ހިމެނެނީ ރައީސް އަލީ ރިފްޝާނާއި ނައިބު ރައީސް އަޒްމީ އަލީ އާއި ސެކްރެޓަރީ ޖެނެރަލް ނާއިފް އަހުމަދާއި ބަޖެޓް ސެކްރެޓަރީ ނާޒިމް ހަސަން އަދި އާންމު ދެ މެމްބަރުންގެ ގޮތުގައި މުހައްމަދު ޖުނައިދާއި ފާތިމަތު ސާޔާ އަހުމަދެވެ.

އެމްޖޭއޭއަކީ ނޫސްވެރިކަމަށާއި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އުފައްދާފައިވާ ނޫސްވެރިންގެ ޖަމިއްޔާއެކެވެ.